ބޮލީވުޑް ބަތަލާ ކާޖޮލް ކޮވިޑަށް ޕޮސިޓިވްވެއްޖެއެވެ.

ކާޖޮލް ޕޮސިޓިވްވި ހަބަރު އިންސްޓަގްރާމުގައި މިއަދު ހިއްސާކޮށްފައިވަނީ ދަރިފުޅު ނީސާގެ ރީތި ފޮޓޯއަކާ އެކުގައެވެ. ކާޖޮލްގެ ޕޯސްޓަށް ކޮމެންޓުކުރި ގިނަބަޔަކު ވަނީ ނީސާއަށް ތައުރީފުކޮށް ކާޖޮލްއަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެފައެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް ވަނީ ކާޖޮލްއަށް ހެޔޮ އެދުމުގެ މެސެޖަކާއެކު ނީސާގެ ރީތިކަމަށް ކޮމެންޓުކޮށްފައެވެ.

ކާޖޮލް އަދި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު އުމުރުން 18 އަހަރުގެ ނީސާ މިވަގުތު އަންނަނީ ސުވިޒަލޭންޑުގައި ހޮސްޕިޓަލިޓީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެ ކުރިން ކަރީނާގެ ރޭޑިއޯ ޝޯ ''ވަޓް ވިމެން ވޯންޓް'' ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވާހަކަ ދައްކަމުން ކާޖޮލް ބުނެފައިވަނީ އޭނާގެ ދެ ދަރީން ނީސާ އަދި ޔުގް މާބޮޑަށް ފިއްތައިގެން ގެންގުޅެން ބޭނުން ނުވާ ކަމަށެވެ. އެއީ މާބޮޑު ފައިދާތަކެއް ކުރާނެ ކަމެއްކަމަށް އޭނާ ގަބޫލު ނުކުރާކަމަށް ވަނީ ބުނެފައެވެ. ކާޖޮލް ބޮޑުވީ އެފަދަ މާހައުލެއްގައިކަމުން އަމިއްލަ ދަރިން ބޮޑުކުރަން ބޭނުންވަނީ އެހާބޮޑަށް ކޮންޓްރޯލުކޮށްގެން ނޫންކަމުގައި ކާޖޮލް ބުނެއެވެ.

ކާޖޮލްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ރެވަތީ ޑައިރެކްޓުކުރާ ފިލްމު ''ދަ ލާސްޓް ހުރާ'' ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މަޔަކަށް ހަޔާތުގައި ކުރިމަތިވާ ކަންތައްތަކެއް ގެނެސްދޭ ވާހަކަ ހިމެނޭ މިފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެއްކަމަށް މައުލޫމާތު ލިބެއެވެ.