އައްޑޫ ސިޓީ ހުޅުދޫ އިން ފްލެޓަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ސިޓީ ކައުންސިލުން މިމަހުގެ 27 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫގައި އިމާރާތް ކޮށްފައިވާ 48 ފްލެޓްގެ ތެރެއިން އޭ އަދި ބީ ކެޓަގަރީގައި ހިމެނޭ 37 ފްލެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އައްޑޫ ސިޓީން ބަޔާން ކޮށްފައިވާ ގޮތުން އޭ ކެޓަގަރީގެ ފްލެޓް ތަކަކީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 27 ފްލެޓެވެ. ބީ ކެޓަގަރީއަކީ ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ މީހުންނާއި ހުޅުދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަކޮށްފައިވާ 10 ފްލެޓެވެ.

މި ފްލެޓް ތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި ފެށޭ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ސަރުކާރު އޮފީސްތައް ބަންދުކުރުމުގެ ކުރީންނެވެ. މި ފްލެޓް ތަކުގެ ޑައުން ޕޭމަންޓްގެ ގޮތުގައި 25 ހާސް ރުފިޔާ ދައްކަން ޖެހޭއިރު މަހު ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ ތިން ހާސް ރުފިޔާއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ފްލެޓްތަކަށް އެދޭ ފޯމު އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުން ދޫކުރާނެކަމަށާއި އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށް ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ.