އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ކުރިން ޗެލްސީގެ ކޯޗުކަން ކުރި ފްރޭންކް ލެމްޕާޑު ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 43 އަހަރުގެ ލެމްޕާޑު ޗެލްސީ ކޯޗުގެ މަގާމުން ދުރަށް ދިޔަތާ މިހާރު ވަނީ ގާތް ގަނޑަކަށް އަހަރެއް ވެފައެވެ. ޗެލްސީ ކޯޗުކަމުގެ ލެމްޕާޑު 18 މަސް ހޭދަކުރި އިރު، އެވަޓަންއަށް ލެމްޕާޑު ގެންދިޔުމަށް ކްލަބުން ވަނީ ލެމްޕާޑަށް ކޯޗުކަން ހުށަހަޅައިފައެވެ. ލެމްޕާޑުގެ ފަރާތުން އަދި ރަސްމީ ބަހެއް އެކަމުގައި ބުނެފައިނުވާ އިރު، އެވަޓަންގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ދާއިމީކޮށް ހުރީ ރެފޭލް ބެނިޓޭޒްއެވެ.

އެވަޓަންގެ ކޯޗުކަމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުރި ޑަންކަން ފާގަސަން އާއި ޕޯޗުގީޒް ވިކްޓާ ޕެރޭރާވެސް އެވަޓަންގެ ކޯޗު ކަމަށް އިންޓަވިއު ކޮށްފައިވެއެވެ. އޭގެ އިތުރުން ޑާބީގެ ކޯޗު ކަމުގައި މިވަގުތު ހުރި ވޭން ރޫނީ ގެންދަންވެސް އެވަޓަންއިން މަސައްކަތް ކުރިއެވެ.

އެވަޓަންގެ ކޯޗު ކަމާ ދާދިފަހުން ހަވާލުވި ރަފޭލް ބެނިޓޭޒް އެ މަގާމުން ވަކި ކޮށްލީ 13 މެޗަށްފަހުއެވެ. މިވަގުތު އެވަޓަން ލީގު ތާވަލުގެ 16 ވަނައިގައި އޮތް އިރު، އެ ޓީމަށް އޮތީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ކައިރީގައެވެ.

ލެމްޕާޑަކީ ޕްރިމިއާ ލީގުގެ ލެޖެންޑަރީ ކުޅުންތެރިއެއްވެސް މެއެވެ. ޗެލްސީގައި 13 ސީޒަން ހޭދަކުރި ލެމްޕާޑު ވަނީ ކެރިއަރުގައި 648 މެޗު އެ ކްލަބަށް ކުޅެދީފައެވެ. ޗެލްސީއާއެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއެކު 11 ތަށި ލެމްޕާޑު ހޯދި އިރު، އެ ކްލަބުގެ ކޯޗުކަމުގައިވެސް ލެމްޕާޑު ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

ޗެލްސީއަށް ޓްރާންސްފާ ބޭންއެއް އައިސްފައިވާ ސީޒަނަކަށް ކްލަބާ ހަވާލުވެ އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދީ ލީގުގެ ހަތަރު ވަނައިގައި ލެމްޕާޑު ޗެލްސީއާއެކު ނިންމާލި އިރު، އޭނާ ވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ޗެލްސީގެ ފުރަތަމަ 11 އަށް ނެރެފައެވެ.