ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝޮލޫ، ދިވެހި ސަރުކާރާއެކު ރަސްމީ ވާހަކަތައް މާދަމާ ކުރިއަށްގެންދަވާނެ ކަމަށެވެ.
މި ރަސްމީ ވާހަކަތަކުގެ ތެރެއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. ދެ ސަރުކާރުގެ ރަސްމީ ވާހަކަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:15 ގައެވެ. ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ވާހަކަތަކަށް ފަހުގައެވެ.
ތުރުކީއާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރުމާބެހޭ އެއްބަސްވުމަކާއި، ސަގާފަތާއި ތަރިކަ އިތުރަށް ހިމާޔަތްކޮށް އެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމަކާއި، ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއާ ބެހޭ އެއްބަސްވުމެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާއެކު ގުޅުން ބަދަހިކޮށް ޕްރޮފެޝަނަލް ފޮރިން ސާވިސް ކެޑާއެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ތުރުކީގެ ފޮރިން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް މާދަމާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށްވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.
ފޮރިން މިިނިސްޓްރީން ބުނީ، ރާއްޖެއާއި ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްގެން މި ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި، މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ. އެހެންކަމުން މިއީ ތާރީހީ ދަތުރުފުޅެއް ކަމަށްވެސް ބުންޏެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު އިއްޔެ ރާއްޖެއަށް ޒިޔާރަތް ކުރައްވާފައި މިވަނީ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު