އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލެއްވުމަށް، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް، މުހައްމަދު ރާޝިދު، (ރާޑޯ) ގެ ކެމްޕެއިނަށް ވަޑައިގެން، އެ ދާއިރާގައި ހުންނަވައިގެން، "ވަން" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އަމްރު މިއަދު ވިދާޅުވީ، ޕާޓީގެ ޗެއާމަން ކަމަށް ކުރިމަތިލެއްވުމަކީ ސީރިއަސް ނިންމެވުމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގެ އަމަލީ މަސައްކަތްތައް ފައްޓަވާނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓަށް ފަހުގައި ކަމަށެވެ.

"ފެށުނީއްސުރެ ވެސް މި އުޅެވެނީ ޕާޓީގެ ސިޔާސަތުތައް ރޭވުމުގެ ތެރޭގަ. ޕާޓީ ވެރިކަމަށް އައި މެނިފެސްޓޯ ތައްޔާރު ކުރުން ފަދަ ބޮޑެތި ހުރިހާ ސްޓްރެޓެޖިކް މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅެވިފަ ވަނީ. އެހެންވީމަ މި ފަދަ ޗޭންޖެއްގެ ވިސްނުން އެބަހުރި." އަމްރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައްވަން އަމްރު ނިންމެވި އިރު، އެ ޕާޓީން މިހާރު ތަންފީޒުކުރަމުން އަންނަ، ޖަޒީރާ މެނިފެސްޓޯ ތައްޔާރުކުރެއްވުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ އަމްރު އެވެ.

އެމްޑީޕީގެ ސިސާސަތުތައް ރޭވުމުގައި، ޕާޓީގެ އެތެރޭގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އަމްރު މަސައްކަތް ކުރައްވަމުން އަންނަ އިރު، 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމަޔަށް އޭނާ ހުންނެވީ ޕާޓީގެ ސިޔާސަތު ކޮމެޓީގެ މެންބަރުކަމުގަ އެވެ. އަދި 2013 ވަނަ އަހަރު ތެރޭގައި އޭނާ ވަނީ އެމްޑީޕީގެ ސިޔާސަތު ކޮމެޓީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެންފަ އެވެ. މިއަދުވެސް ހުންނެވީ އެ މަގާމުގައެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ކަމުގެ މަގާމުގައި އަމްރު މިވަގުތު ހުންނެވި އިރު، މިދިޔަ އަހަރަކީ އެސްޓީއޯގެ މުޅި ތާރީހުގައި ވެސް ހޯދި އެންމެ ބޮޑު ފައިދާ ނެރުނު އަހަރެވެ.