އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، އެ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައިފިއެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ބުނި ނަމަވެސް، އަދިވެސް ނަތީޖާ އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް އަމްރުއާއި އޭނާއާ ވާދަކުރެއްވީ، ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ކާމިޔާބީ އިއުލާން ކުރައްވައިފައެވެ.

އަމްރު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހުނަސް އިތުރަށް އެ ނަތީޖާއާމެދު އެއްވެސް އެއއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.

"އިންތިހާބުގައި މޮޅުވާ ފަރާތްތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގި، އަބަދުވެސް އަޅުގަނޑު އިންތިހާބަށް ކުރިމަތިލަނީ. ވަރަށް ގިނަ އިންތިހާބުތަކުގައި ވާދަކުރެވިއްޖެ. ބައެއް އިންތިހާބުތަކުގައި އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އަނެއް ބައި އިންތިހާބުތަކުގައި ނާކާމިޔާބުވި ނަމަވެސް އެކަމާ ޝަކުވާއެއް ނުކުރަން. ފާއިތުވި 15 އަހަރަށްވުރެ ގިނަ ދުވަހު އަޅުގަނޑާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ދޫދޭން ޖެހޭ ތަންތާ ބޮޑުކޮށް ދޫދޭ މީހެއްކަން. އަދި އަސާސްތަކުގައި ހިފަހައްޓާ މީހެއްކަން" އަމްރު ކުރެއްވި ޕޯސްޓް ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

އެއަށްފަހު ދެން އަމްރު ހަނދާން އާކޮށްދެއްވީ ޑިމޮކްރެޓްސްއަށްޓަކާ އޭނާ ވެވަޑައިގެންފައިވާ ގުރުބާނީތަކެވެ.

"އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑަސީ ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކާ ފަސްޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން. އެއީ މި މަސައްކަތަކީ އަޅުގަނޑުވެސް ލޯތްބާއި ގުރުބާނީއާއެކު ކުރި މަސައްކަތްކަތެއް ވީމަ،" އަމްރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، ކަމެއް ގޯހުންދާ ނަމަ އެ ވާހަކަ ސީދަލަށް ވިދާޅުވާނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ އެންމެންގެވެސް ރަނގަޅަކަށް ކަމަށެވެ.

އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން މިއަދަށް ފަސް ކުރުމުން، އެކަމާ އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީވެސް އަމްރުއަށް ކެމްޕެއިންކޮށްދިން މީހުންނެވެ.