ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިއްޔެ ކުރެއްވި މަޝްވަރާތަކުގެ ތަފްސީލު ހާމަކުރައްވާފައި ނުވާތީ، ޕާޓީ ރައީސްގެ އިންތިހާބުގައި ހަސަންއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހުސެއިން އަމްރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިދިކޮޅު ޕާޓީތައް ފިޔަވައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައީސް މުއިއްޒު އިއްޔެ ވަނީ ބައްދަލު ކުރައްވައިފައެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ކުރިއަށްގެންދެވި މި ބައްދަލުވުންތަކާ ބެހޭ އެއްވެސް ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި އެއިން އެއްވެސް ލީޑަރެއްގެ ފަރާތުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒު މި ބޭފުޅުންނާ ބައްދަލުކުރައްވާފައި މިވަނީ، މަޖިލީހުގައި މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެންވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުއިއްޒު އަޒުލު ކުރެވޭގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
އެހެންކަމުން އެ މަޝްވަރާތަކުގެ ތަފްސީލު ހާމަކުރައްވާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ވަގުތެއްގައި ސިޔާސީ ޕާޓީތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ކުއްލިއަކަށް ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާއެއްގެ ތަފްސީލު އެ ޕާޓީތަކުގެ އާންމު މެންބަރުންނާއި ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަމްރުގެ އެ ޕޯސްޓާ ގުޅިގެން އެ ބައްދަލުވުމުގެ ތަފްސީލު ޕާޓީގެ މެންބަރުންނަށް ހާމަރަންޖެހޭނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އަމްރުގެ އެ ވާހަކަތަކަކީ، ޑިމޮކްރެޓްސް ރައީސްކަމުގެ އިންތިހާބުގައި ހަސަންގެ މައްޗަށް ކުރި ނުލިބުމުން ދައްކަވާ ބޭކާރު ވާހަކައެއް ކަމަށްބުނެ ބައެއް މީހުން އަމްރުއަށްވެސް ވަނީ ފާޑު ކިޔައިފައެވެ.
ރައީސް މުއިއްޒު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އިއްޔެ ބައްދަލު ކުރައްވާފައިވާ އިރު، މި ދުވަަސްވަރަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށްޓަކައި އެހެން ޕާޓީތަކާއެކު ވާހަކަދައްކަން ސަރުކާރުގެ މައި ކޯލިޝަންގައި ހިމެނޭ ރައީސް މުއިއްޒުގެ ޕީއެންސީ އާއި ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެކެވެ.
އެގޮތުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖޭޕީގެ އިސްވެރިންނާއެކު މިދިޔަ މަހުވެސް ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި އެ މަޖިލީހުގެ މެންބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު