އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުންދާ ސްޕެއިން ވިންގާ އަޑަމާ ޓްރެއޯރޭ ލޯން އެއްބަަސްވުމެއްގެ ދަށުން ބާސެލޯނާއަށް

ދާން އެއްބަސްވެއްޖެއެވެ.

އުމުރުން 26 އަހަރުގެ އަޑަމާ އަކީ އަރިމަތިން ކުޅޭ ދުވެލި ބާރު ކުޅުންތެރިއެކެވެ. މިދިޔަ ދެތިން ސީޒަނެއްގައި ވުލްވްސްއަށް މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ އިރު، މި ސީޒަންގެ މިހާތަނަށް އަޑަމާގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އަޑަމާ ބާސާއަށް ގެންދިޔަކަން ދެ ކްލަބުން ކުރެ އެއްވެސް ކްލަބަކުން އަދި އިއުލާން ނުކުރި ނަމަވެސް، އިތުބާރު ހުރި ނޫސްތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ.

މި ސީޒަންގައި ވުލްވްސް އިން ލީގުގައި 21 މެޗު ކުޅެފައިވާ އިރު، އަޑަމާ ކުޅެފައިވަނީ އޭގެ ތެރެއިން ދިހަ މެޗުގައެވެ.

ލޯން އެއްބަަސްވުމުގެ ދަށުން އަޑަމާ ބާސާއަށް ދިޔަ ނަމަވެސް، ސީޒަން ނިމުމުން ދާއިމީ އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު ބާސާއަށް އޮންނާނެއެވެ.

އަޑަމާ ވެފައި ވަނީ ޒަވީ ހެނާންޑޭޒް، ބާސާ ކޯޗުކަމާ ހަވާލުވެ ކްލަބަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއަށެވެ. އެ ކްލަބުން ޒުވާން ކުޅުންތެރިންތަކެއް ފުރަތަމަ ޓީމަށް ޕްރޮމޯޓްކޮށް އާ ޖީލަކަށް މަސައްކަތް ކުރަމުން އަންނަ އިރު، އަލަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ކްލަބު ލެޖެންޑް ޑެނީ އަލްވޭސްއާއި ސްޕެއިންގެ ޒުވާން ފޯވަޑް ފެރަން ޓޮރެސްވެސް ހިމެނެއެވެ.