ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް މިއަހަރަށް އެކުލަވާލައިފިއެވެ.
ޖޭއެސްސީގެ ގާނޫގައިވާ ގޮތުން އެ ކޮމިޝަނުން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ގޮތެއް ނިންމުމުން އެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެއެވެ. ނަމަވެސް ސީދާ ޖޭއެސްސީގެ ނިންމުތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި މައްސަލަތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެ ފަނޑިޔާރުންގެ މަޖިލީހަށް އަލަށް ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކަމަށެވެ.
އަލަށް ފަނޑިޔާރުންގެ މަޖިލީހަށް އައްޔަންކުރި ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީއެވެ. އިސްތިއުނާފީ ފަނޑިޔާރުންގެ މުއްދަތަކީ އެއް އަހަރެވެ.
މިދިޔަ އަހަރު ޖޭއެސްސީން ވަނީ 33 މައްސަލައެއް ބަލައިފައެވެ. އޭގެ ތެރެއިން 15 މައްސަލައެއް ސާބިތުވުމާ ގުޅިގެން ވަނީ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިފައެވެ. އެ 15 މައްސަލައިގެ ތެރެއިން އިސްތިއުނާފީ މަޖިލީހަށް ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އެ ދެ މަައްސަލަ އިސްތިއުނާފީ ފަނޑިޔާރުން ވަނީ ބަލައި ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު