ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު މެވުލުތު ޗައުސޯލޯގް މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތުރުކީގެ ފޮރިން އެފެއާޒް މިނިސްޓަރު މެވުލުތު ދެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ކުރައްވާ އެ ދަތުރުފުޅަކީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ޒިޔާރަތެއް ކަމަށެވެ.
މެވުލުތުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވާނެއެވެ.
އެ ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.