ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތުގައި ހިފުމުގެ ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިނުވާނެ ކަމަށް، އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
އިސް ގާޒީ ޝަކީލު އެގޮތަށް ވިދާޅުވީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ޑރ. ޖަމީލު ވިދާޅުވީ، ވަކި ކޮޅަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެގެން ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވީ ނަމަވެސް، މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ކޮވިޑުގެ ހާލަތަށް ބަލައި، އަޑުއެހުންތައް މަޑުޖައްސައިލުމަށް ކޯޓުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ވަކީލަކަށް ކޮވިޑުގެ ހާލަތުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިނުވެވޭކަން ވެސް ފާހަގަކުރެއްވިއެވެ.
އެ ވާހަކަތަކާ ގުޅިގެން އިސް ގާޒީ ޝަކީލު ވިދާޅުވީ ވަކި މައްސަލައަކަށްވީތީ ތަފާތުކުރުން ގެންގުޅުމަކީ ޝަރީއަތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައިވެސް މީހުން ކޯޓަށް ހާޒިރުކޮށްގެން މަރުގެ ބޮޑެތި އަޑުއެހުންތައްވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
އިސް ގާޒީ ޝަކީލު ވިދާޅުވީ، މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިނުވާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ ސެކްޝަންތަކުގެ ވަކިވަކި ގާޒީން މައްސަލަތައް ތާވަލުކުރައްވާ ގޮތަކީ އެ ގާޒީއެއްގެ ނިންމެވުމެއް ކަމަށެވެ.
ކުރިމިނަލް ކޯޓުން އިއްޔެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ. ކޯޓުގެ އެ ނިންމުމަށް ފާޑުކިޔައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް އިސްވެރިން ވިދާޅުވެފައިވަނީ، ކޮވިޑުގެ ހާލަތު ގޯސްވެފައި ވަނިކޮށް ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމުން ކޯޓަށް ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު