ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ރާއްޖޭގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައިވާގޮތުން ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އިމާރާތްކުރަން އިއުލާނުކޮށްފައިވަނީ ހއ އިހަވަންދޫ އާއި ޅ ހިންނަވަރު ހޮސްޕިޓަލުގެ އާ އިމާރާތާއި ނ ކެނދިކުޅުދޫ ހޮސްޕިޓަލުގެ އިމާރާތެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތް ކުރުމަށް ހަރަދު ކުރަން ޖެހޭނީ މަޝްރޫއު ނަގާ ފަރާތުންނެވެ. ސަރުކާރުން ފައިސާ ދޭނީ މަސައްކަތް ނިމުމުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ އިމާރާތަކަށް 690،000 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށާއި އެ އަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން ވެސް ހުށަހެޅިދާނެ ކަމަށް ވެސް ފިނޭންސް އިން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް މިނިސްޓްރީން ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވާ ރާއްޖޭގެ ކުންފުނިތައް ވާންޖެހޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި ނަމަވެސް ރާއްޖޭން ބޭރު ކުންފުނިތަކުން އެ ގަވާއިދާ އެއްގޮތަށް ބީލަމުގެ މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން އެ ގަވާއިދުގެ ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ބީލަމާއެކު ހުށަހަޅަން ވާނެ ކަމަށާއި އެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށްވެސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.