ކުޅިވަރު

ގައުމީ ޓީމަށް ބަދަލުތަކެއް ގެނެސް، ކޯޗު ތަޖުރިބާއެއް ކޮށްލަނީ

ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން ހަފުތާއެއްގެ ފަރިތަކުރުންތަކެއް ފަށައިފިއެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މިހާރު ފެށިފައިވާ އިންޓަނޭޝަނަލް ބްރޭކުގައި ގައުމީ ޓީމަށް މެޗެއް ނުލިބުނު ނަމަވެސް ޓީމުން ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަން ނިންމާފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވީ މިފަހަރުގެ ފަރިތަކުރުންތަކަކީ ރަސްމީ ސްކޮޑަކާއެކު ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށާއި، ކޯޗު ބޭނުންވަނީ ކުރިން އޮތް ސްކޮޑަށް ބައެއް ކުޅުންތެރިން އިތުރުކޮށް ހަފުތާއަކަށް ތަމްރީނު ކޮށްލުމަށް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ހަފުތާއަކަށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ނިމިގެން ދިޔަ ޕްރެސިޑެންޓްސް ކަޕުގައި ވިދާލި ބައެއް ކުޅުންތެރިން ސްކޮޑަށް އިތުރުކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުރިންވެސް ގައުމީ ޓީމަށް އެކި ފަހަރު މަތިން ނަގާފައިވާ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން ގައުމީ ޓީމުގެ ތަމްރީނުތަކުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރޭގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން (ޔާން)ގެ އިތުރުން މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ)، ހަސަން ނަޒީމް (ޗޯޓު) އަދި ރިލުވާން ވަހީދު (ރިލޭ) ވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް ތަމްރީނުތަކަށް ކޯޗު ކުޅުންތެރީން ގެންދާނެ ކަމަށް ބެލެވެއެވެ.

ގައުމީ ޓީމަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ނޫނެވެ. ގިނަ ނާކާމިޔާބީތަކަކާ ޓީމަށް ކުރިމަތިލާން ޖެހުނު އިރު، އެންމެ ބޮޑަށް ފާހަގަވި ދެ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕެވެ. ކޯޗު މޮރިއޭރޯ ހަވާލުވުމުގެ ކުރިން ޓީމުން ވާދަކުރި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލާ ހަމައަށް ރާއްޖެއަށް ނުދެވި، އަމިއްލަ ގައުމުގައި މުބާރާތް ނިންމާލަން ޖެހުނީ މާޔޫސް ކަމުގައެވެ.

ކޯޗު މޮރިއޭރޯއާއެކު ފޯ ނޭޝަންސް ކަޕަށް ގޮސްވެސް އަނބުރާ ގައުމަށް އަންނަން ޖެހުނީ ބޮޑު މާޔޫސް ކަމަކާއެކުގައެވެ. އެހިސާބުން ގައުމީ ކޯޗު ބުނީ ވަގުތު ދިނުމަށެވެ. އަދި އެންމެ މުހިއްމު ވާހަކައަކަށް ކޯޗު ބުނީ ޓީމު އޯވަހޯލް ކުރަން ވިސްނި ކަމަށެވެ. އާ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކަށް ނެރުމާއެކު ގައުމީ ކޯޗު ކުރަން އުޅޭ މަސައްކަތް ކޮންމެވެސް ވަރަކަށް ފެންނަންވެސް ފަށައިފިއެވެ.