ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އޭނާ އިންތިހާބުވި ނަމަވެސް، ސަރުކާރުން ކޮރަޕްޝަން ހިންގާނަމަ މަޖިލިސް މެންބަރުކަމުން އިސްތިއުފާދެއްވާނެ ކަމަށް އެ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެެމުން މިރޭ ގެނެސްދިން "މަޖިލިސް ބަހުސް"ގައި ރާޝިދު ވިދާޅުވީ، އޭނާއަކީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށާއި އޭނާގެ މެނިފެސްޓޯއަކީ އެމްޑީޕީގެ އެޖެންޑާ-19 ކަމަށެވެ.

ރާޝިދު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ކޮމަންޑޫ ދާއިރާ އޮތީ އެކަހެރިކޮށްލާފައި ކަމަށާއި ކޮމަންޑޫ ދާއިރާ ތަރައްގީކުރަން މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފަދަ ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް އެ ދާއިރާގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އުފައްދަން އައި ޕާޓީއެއްކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކު ކަމުގައި އޭނާ އަބަދުވެސް ވާނެ ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ ގޮނޑީގައި އިންނައިރު އަޅުގަނޑުމެންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގާނަމަ އަޅުގަނޑު އެ ގޮނޑިއަކު ނީންނާނަން. އެކަން އިސްލާހު ނުކުރެވިއްޖެނަމަ އަޅުގަނޑު އިސްތިއުފާދޭނަން،" ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ އެ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ހުސައިން ވަހީދު ކުރެއްވި މަސައްކަތްތައް ކުރިއަށްގެންދަވަން ކަމަށާއި ސަރުކާރާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެސްދެވޭނީ އޭނާއަށް ވޯޓުލައިގެން ކަމަށެވެ.

ރާޝިދު އިތުރަށް ވިދާޅުވީ، އޭނާއަކީ އިންތިހާބީ މަގާމުތައް މީގެ ކުރިން ފުރުއްވާފައިވާ މީހެއް ކަމަށާއި އެހެންވެ، މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އޭނާއަކީ އެންމެ ގާބިލު ކެންޑިޑޭޓް ކަމަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަކުރައްވާ އިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރައްވަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.