ޚަބަރު

އުނގޫފާރުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކުގެ ބޮލުގެ ނާށިގަނޑަށް އަނިޔާތަކެއް

ރ. އުނގޫފާރުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި އެކަކުގެ ބޮލުގެ ނާށިގަނޑަށް އަނިޔާތަކެއްވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕީއާރު އޮފިޝަރު ހަސަން ފަޒީލް "ވަން" އަށް މިރޭ ވިދާޅުވީ އެރަށުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 39 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން އެރަށު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހަވީރު 3:30 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުނގޫފާރު، މަލާޒް، ހުސެއިން ފަހުމީއަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުގައި އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ހެދުމުން ބޮލުގެ ނާށިގަނޑަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އިތުރު ފަރުވާއަށް މިއަދު އިރުއޮއްސި 6:30 ހާއިރު ސީއެމްބިއުލާންސްގައި އޭނާ މާލެ ފޮނުވާލާފައިވާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އުނގޫފާރުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންފުރުފަހު 2:30 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 39 އަހަރު ފިރިހެނަކަށާއި 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.