އަންނަ މަހުގެ ތިންވަނަ ދުވަހު ވަކި ވަގުތުތަކެއްގައި ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާތީ އަންނަ މަހުގެ ތިންވަނަ ދުވަހު ހެނދުނު 6:00 އިން ފެށިގެން ޖަލްސާ ނިމެންދެން މަޖިލިސް ސަރަހައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ.

އެ ވަގުތުތަކުގައި ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވަނީ މަޖީދިއްޔާ ސްކޫލުގެ އިރުދެކުނު ސޯސަން މަގާ ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ހުޅަނގު ދެކުނު ކަނާ ހަމައަށް މެދުޒިޔާރަތް މަގެވެ. އަދި ބަންދުކޮށްފައިވާ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުން ވަނީ ހާމަކޮށްފައެވެ. އެޖެންޑާގައިވާ ގޮތުން އެދުވަހުގެ ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސް ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.

މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމުވެ ވަޑައިގަންނަވާ ބަޔާނެކެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

އެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެދުވަހުގެ މަޖިލިސް ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު ޖަވާބުދެއްވުމަށް ޖެހިވަޑައިގަންނަވާނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގައި ވާހަކަދައްކަވާފައި ވަނީ މަޖިލިހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ.