އަތޮޅުތެރެޔަށް ދަތުރުކުރާއިރު އާއި ކަރަންޓީނު ފުރިހަމަ ކޮށްފައި ޓެސްޓް ހަދާއިރު ރެޕިޑް ޓެސްޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓެއް ކަމަށާއި އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ބައެއް ފަހަރު ރަނގަޅު ނުވެދާނެ ކަމަށެވެ. އަދި އަލާމާތް ނުހުންނަ މީހެއްގެ ގައިން އެންޓިޖެން ނުފެނި ހިނގައިދާނެ ކަމަށާއި އެހެންކަމުން ދަތުރުކުރާ ފަރާތްތަކާއި ކަރަންޓީނު ފުރިހަމަ ކުރާ ފަރާތްތަކުން އަދިވެސް ހަދަން ޖެހޭނީ "އާރްޓީ ޕީސީއާރު" ޓެސްޓް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އިއްޔެއިން ފެށިގެން އެޗްޕީއޭއިން މާލެ ސަރަހައްދުގެ ކޮވިޑް ސާމްޕަލް ސެންޓަރުތަކުން ރެޕިޑް އެންޓިޖެން ޓެސްޓު ހަދަން ވަނީ ފަށާފައެވެ. އަދި އެ ސެންޓަރުތަކުގެ އިތުރުން އައިޖީއެމްއެޗާއި ބައެއް ކުލިނިކުތަކުން ވެސް އެންޓިޖެން ޓެސްޓު ކިޓުން ކޮވިޑަށް ޓެސްޓުކުރެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ހުއްދަދީފައި ނުވި ނަމަވެސް، ބައެއް ރިސޯޓުތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް މި ކިޓު ބޭނުން ކުރެއެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުން ޓެސްޓުކޮށް 15 މިނިޓު ތެރޭގައި ދެ ރޮނގު ބުރި އަރައިފިނަމަ އެމީހަކު ޕޮޒިޓިވް ވާނެއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް މި ކިޓު ބޭނުންކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.