އިނގިރޭސި ޕްރިމިއާ ލީގު ބްރޭކަކަށް ދިޔުމާއެކު ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރީންތަކެއް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އަތުވެއްޖެއެވެ.

ފެބްރުއަރީ ފުރަތަމަ ހަފުތާއާ ހަމައަށް ޕްރިމިއާ ޓީމުތަކަށް ބްރޭކް ލިބިފައިވާ އިރު، ލީގު މެދުކަނޑާލީ އިންޓަނޭޝަނަލް ބްރޭކަށެވެ. އިންޓަނޭޝަނަލް ބްރޭކުގައި މިފަހަރު ގިނަ ގައުމުތަކުގެ މެޗުތަކެއް ނެތެވެ. އެއީ އެފްރިކާގެ އެންމެ ބޮޑު މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ކުރިއަށް ދާތީއެވެ.

ޕްރިމިއާ ލީގުގެ ތަރިންގެ ތެރެއިން މިހާރު ރާއްޖޭގައި ތިބި ކުޅުންތެރިންނަށް ބަލާ އިރު، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހިމެނެއެވެ. ޑިބްރޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ މަންޒަރުތައް ހިއްސާ ކޮށްފައިވާ އިރު، އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އާއިލާއާ އެކުގައެވެ.

އޭގެ އިތުރުން ލިވަޕޫލްގެ ތަރިން ކަމަށްވާ ވާޖިލް ވެންޑައިކްގެ އިތުރުން އެލެކްސެންޑްރާ އާނޯލްޑާއި، ކެޕްޓަން ހެންޑަސަންވެސް މިވަގުތު ތިބީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށެވެ.

ގިނަ ކުޅުންތެރިންތަކެއް އަމިއްލަ ގައުމަށްވެސް ޗުއްޓީއަށް ގޮސްފައިވެއެވެ. ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށްވެސް ކުޅުންތެރިން މި ޗުއްޓީ ދުވަސްތައް ބޭނުން ކުރަން ނިންމާފައިވެއެވެ. ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އޭނާގެ އުފަން ގައުމު ސިއެރާ ލެއޯންއަށް ގޮސްފައިވާ އިރު، ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެގައުމަށް ދިޔައީ ފައުންޑޭޝަންގެ މަސައްކަތްތަކަށް ކަމަށެވެ. އޭނާއާއެކު ޗެލްސީއަށް ކުޅޭ ކަލުމް ހަޑްސަން އޮޑޯއީވެސް ދިޔައީ އުފަން ގައުމު ގާނާއަށެވެ.

ބައެއް ކުޅުންތެރީން ޗުއްޓީއަށް ދިޔަ ނަމަވެސް ޓީމުތަކުން ވަނީ ހޫނުގައި ތަމްރީނު ކުރުމަށް ކޭމްޕުތައްވެސް ރާވާފައެވެ. އެގޮތުން ދާދިފަހުން ސައުދީ އަރަބިއްޔާގެ ޕަބްލިކް ފަންޑުން ގަނެފައިވާ ކްލަބު، ނިއުކާސަލްއިން ވަނީ ސައުދީ އަރަބިއްޔާގެ ކޭމްޕަކަށް އެގައުމަށް ގޮސްފައެވެ.