ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއް ކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވާ ދިވެހިންގެ ދަރިންނަށް، ދިވެހި ރައްޔިތުކަން ދޭނެ ގޮތްތަކެއް ކަނޑައަޅައިފައެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 15 ގައެވެ.
އިއްޔެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގައި އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކޮށްދިނުމާ ބެހޭ އުސޫލު ގެޒެޓްކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް ލިބޭ ދަރިންނަކީ އެ މީހުންގެ ދަރިންކަން ސާބިތުކުރަން ފެމިލީ ކޯޓަށް ހުށަހަޅަން ޖެހެއެވެ.
ސީރިޔާގައި ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުނު އަންހެނަކަށް ލިބުނު ދެ ދަރީންނަކީ އޭނާގެ ދަރީން ކަމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ފެމިލީ ކޯޓްގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ މިއީ ފެމިލީ ކޯޓުން އެފަދަ ހުކުމެއްކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އެ ދެ ކުދިންގެ މަންމައަކީ ދިވެއްސެއް ކަމަށް ކަނޑައެޅީ ދެ ކުދިންގެ ޑީއެންއޭ އާއި އަންހެން މީހާގެ ޑީއެންއޭއާ އަޅައި ކިޔުމަށްފަހު ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓަށާއި އެ ރިޕޯޓް ހެދި މީހާގެ ހެކިބަހުގެ އިތުރުން އެހެން ހެކިތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކޯޓަށް މިފަދަ މައްސަލައެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި ކޯޓުން ގޮތް ކަނޑައަޅާތާ ހަތަރު ދުވަހުގެ ތެރޭގައި ކުދިން ރަޖިސްޓްރީކޮށް، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ފޯމާއެކު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ.