ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ޖެހުމަށްފަހު ކަސްރަތު ކުރުން ކުޑަ ދުވަސްކޮޅަކަށް މަޑުޖައްސާލުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޓުވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިންޖެހުމަށްފަހު ދެ ހަފުތާ ވަންދެން ގަދައަށް ކަސްރަތުކުރުން މެދުކަނޑާލުން އެދެވިގެންވާ ކަމަށެވެ.
ވެކްސިން ޖެހުމަށް ފަހު ދުވުމާއި ފެތުމާއި ބަރު އުފުއްލުން ފަދަ މީހާ ވަރުބަލި ކުރުވާ ކަންތައްތައް މެދުކަނޑާލަން އެކި ގައުމުތަކުން ލަފާ ދީފައި އޮވެއެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ކޮވިޑް ވެކްސިން ޖަހާ މީހުންގެ 50 ޕަސެންޓް މީހުންނަށް އެކި ކަހަލަ ކުދިކުދި ސައިޑް އިފެކްޓްތައް ދިމާވެއެވެ. ވެކްސިން އަށް ފަހު މަޔޯ ކާޑިޓިސް (މޭ އެންދުން) އާއި ޕެރީކާޑިޓިސް (ހިތުގެ ވަށައިގެންވާ ފަށަލަ ދުޅަވުން) ފަދަ ކަންތައް މަދުން ނަމަވެސް ދިމާވާ ކަމުގެ ރިޕޯޓުތައް ކުރެވިފައިވާ ކަމަށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީންވެސް ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.
ވެކްސިން ޖެހުމަށްފަހު ދިމާވާ ސައިޑް އިފެކްޓް ތަކަކީ އެހާ ބޮޑު ކަމަކަށް ގިނަފަހަރު ނުވިޔަސް ވެކްސިނަށް ފަހު ގަދަޔަށް ކަސްރަތު ކުރުމަކީ އޭގެ ނުރައްކާ ބޮޑުވެދާނެ ކަމެކެވެ. ސަބަބަކީ ކަސްރަތު ކުރުމުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ހަށިގަނޑުގެ ގުނަވަންތަކަށް ލޭދައުރުކުރާވަރު އަވަސްވާތީއެވެ. އަދި ވެކްސިންއަށް ފަހު އޭގައި ހިިމެނޭ އެންޓިޖެންއިން ހަށިގަނޑު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކަސްރަތު ކުރަން ފެށުމުން ހިތުގެ މަސައްކަތް ހުއްޓި ކާޑިއެކް އެރެސްޓް ވުމުގެ ފުރަސަތު ހަނިގޮތަކަށް ނަމަވެސް އޮތުމުންނެވެ.