ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް، ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގައި މއ. މާރަނގަ ހަސަން ފައިޒާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، އިންޓެެލިޖެންސް ރިޕޯޓާމެދު މިއަދުގެ އަޑު އެހުމުގައި ބަހުސް ކޮށްފިއެވެ.

އިންޓެލް ރިޕޯޓާމެދު ބަހުސް އުފެދުނީ، މި މައްސަލައިގެ އިންޓެލް ރިޕޯޓުގެ ބައެއް ސިއްރު ކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައެވެ.

ދައުލަތުން ހުށަހަޅާފައި ވަނީ، އިންޓަލް ރިޕޯޓުގެ ލިޔުން ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި، ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެދަށުން އެ ރިޕޯޓު ދިރާސާ ކުރުމުގެ ފުރުސަދު ދިފާއަށް ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކޮށްފައި ވަނީ، އެ ރިޕޯޓުގައި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކެއް ހިމެނޭ ކަމަށެވެ.

އެމައްސަލައިގައި ވާހަކަދައްކަން މިއަދުގެ އަޑުއެހުމުގައި ދިފާއަށް ލިބުނު ފުރުސަތުގައި، ދިފާއުން ވަނީ ދައުލަތުގެ ހުށަހެޅުމާ ދެކޮޅު ހަދައިފައެވެ. ދިފާއުން ބުނީ އިންޓެލް ރިޕޯޓަކީ ރަސްމީ ލިޔުމެއް ނޫންކަމަށެވެ. އެހެންކަމުން އެ ރިޕޯޓުގެ އެއްވެސް ބައެއް ސިއްރު ނުކުރެވޭނެ ކަމަށާއި، އުނިވެސް ނުކުރެވޭނެ ކަމަށެވެ.

ޖަވާބުގައި ދައުލަތުން ބުނީ، އެއް އިދާރާއިން އަނެއް އިދާރާއަށް ހުށަހަޅާ ކޮންމެ ލިޔުމަކީ ވެސް ރަސްމީ ލިޔުމެއް ކަމަށެވެ.

މި މައްސަލައިގެ ބަހުސާ ބެހޭގޮތުން މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަކި ގޮތަކަށް ނިންމަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

އެ މައްސަލައަކީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް، 06 ނޮވެމްބަރު 2017 ގައި ފައިޒާން ރާއްޖޭން ފުރައިގެން ތުރުކީއަށް ގޮސް، ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެގައުމުގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކޮށް ރާއްޖެއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއެކެވެ.

މި މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، އެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ފައިޒާން ދައުވާއަށް އިންކާރު ކޮށްފައިވާތީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަަޅާފައިވާ ހެކިންގެ ނިސްބަތަށް ބަލާއިރު އެ ދައުވާއަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެ ދައުވާ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދައުވާ ބާތިލުކުރީ ކަމަށް ހުކުމް ކުރިއެވެ.

ކުރިމިނަލް ކޯޓުން އެފަހަރު އެގޮތަށް ކުރި ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އެ މައްސަލައަކީ މައުލޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރިއެވެ.

މީގެ އިތުރުން އެ މައްސަލައަކީ ކުރިމިނަލް ކޯޓުން ބަލައި މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ޖެހޭ މައްސަލައެެއް ކަމުގައި ކަނޑައަޅައި އެ މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރުމަށް ޓަކައި އެ ގަޒިއްޔާ ކުރިމިނަލް ކޯޓަށް ތަހުވީލުކޮށް ހުކުމްކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމާ ގުޅިގެން ހަމަ އެމަހު މި މައްސަލަ ކުރިމިނަލް ކޯޓުން އަލުން ބަލަން ފެށިއެވެ.