ޚަބަރު

އިނގިރޭސި ބަހުން ލިޔެފައިވާ އަމުރު ހޯދަން ފުލުހުން ފޮނުވި ސިޓީގެ ޖަވާބު ދީފިން: ކުރިމިނަލް ކޯޓު

ރިފާ ހަލީލު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބަންދުކޮށްގެން ރާއްޖެ ގެނައުމަށް ބޭނުންވާ، އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރު ހޯދަން ފުލުހުން ފޮނުވި ސިޓީގެ ޖަވާބު މިހާރު ފުލުހުންނަށް ދީފައިވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށްކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޯޓު ރިސެސް އަކަށް ދިޔުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. ކުރިމިނަލް ކޯޓުން ވަނީ އެ ސިޓީ ލިބުނުކަން ހުސްވި ހަފުތާގައި ޔަގީންކޮށްދީފަ އެވެ.

އެކޯޓުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު އިންޓަޕޯލް މެދުވެރިކޮށް ބަންދުކޮށްގެން ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރު ހޯދުމަށް ކުރިމިނަލް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބު މިހާރު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ.

ނަމަވެސް ސިޓީގެ ޖަވާބު ދިނީ ކޮން ދުވަހަކު ކަމާއި ޖަވާބުގައި ބުނެފައިވަނީ ކޮން ވާހަކަތަކެއްކަން އޭނާ ވިދާޅެއްނުވިއެވެ. އަދި ކޯޓު އަމުރެއް ނެރުނުކަން ނުވަތަ ނޫން ކަމެއްވެސް ވިދާޅެއްނުވި އެވެ.

މިކަމާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ޗެކް ކޮށްލުމަށްފަހު ގުޅާލާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާ ހާޒިރު ނުވެ، އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.