ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު ދިވެހިންގެ ފެންޑާތަކާއި ބޮޑު ކޮޓަރިތަކުން "ކަސައުޓީ ޒިންދަގީކީ"ގެ އަޑުކެނޑުމާއެކު "ކިޔުނކީ ސާސްބީ ކަބީ ބަހޫތީ"ގެ ފަހަތުން "ކަހާނީ ގަރްގަރްކީ، ކަހާނީ ހަރްގަރްކީ" ލަވަތަކުގެ ރާގާއި ޅެމަށް ދާންދެން ގޭގައި ގެންގުޅޭ ގުރާ، ބުޅާވެސް ހިތުދަސްވާ ވަރަށް މި އަޑުތައް އިވޭނެއެވެ.

މެންދުރުގެ ވަކި ގަޑިޔަކަށް ގޭތެރެއާއި ބަދިގެ ހަމައަކަށް އަޅުވާލާފައި އަންހެންވެރިން، ދުފާތަބަކާއި ފިނި ބުއިންތައް ހިފައިގެން އުނަގަނޑު ދަމާލަނީ އުނދޯލީގައާއި ސަރަންފީތަކުގައެވެ. ކުރުއަތްމައްޗަށް އޮށޯވެލައިގެން ތިބޭ އެއްފުރާގެ ކުދިންތައް މާމަމެން، ބޮޑުދައިތަމެންގެ ވާންކޮށްލެވޭ ގުޑުގުޑާގެ ނޮޅިގަނޑަށް މަލާމާތްކޮށްލަނީވެސް 'ކޮމޮލިކާ'، 'އޮޕަރްނާ'ގެ 'ހައްޔާހް'ގެ އަޑާ އެއްފަދަކޮށްފައެވެ.

ގޭގައި ޓީވީ ހުންނައިރުވެސް ބައެއް ފަހަރު ޑްރާމާގަޑީގައި އެންމެން އެއްވެ ތިބުމަށް ހާއްސަ އެއްގެއަކަށް އެއްވެލާ އިރު، ޓީވީ ނުހުންނަ ގޭގޭގެ އަންހެންވެރިންނާއި ކުދިންވެސް އެކި ގޭގެއަށް މި ގަޑިއަކަށް ޖަމާވެއެވެ. އެ ޒަމާނުގައި މެންދުރުގެ ދެގަޑިއެއްހާ އިރު ނިދާނިދުން އެއޮތީ ސީރީޒަށް ބަދަލުވެފައެވެ. ދެ ގަޑިއެއްހާ އިރުފަހުން މަޖިލިސް ރޫޅާލެވެނީ އިރުއޮއްސި ހަތެއް ޖެހުމާއެކު އަނެއްކާވެސް ޑްރާމާތަކަށް ވަގުތު ދިނުމަށް ގޭތެރެއާއި ބަދިގެތެރޭގެ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް އަވަސްވެގަތުމަށެވެ.

ދިވެހިންނަކީ ހިންދީ ފިލްމުތަކަށާއި ޑުރާމާތަކަށް މަރުދޭ ބައެކެވެ. ވަރަށް ކުޑައިރުއްސުރެވެސް ދިވެހީންނަކީ ހިންދީބަހުން ލިޔަން ކިޔަން ނޭނގުނަސް އެ ބަހުން ދައްކާ ވާހަކަތައް ދޭހަވާ ބައެކެވެ. އެ ބަހުން ވާހަކަ ދައްކަންވެސް ނުހަނު ފަރިތައެވެ. ހިންދީ ޑުރާމާތަކަށް ދިވެހިން އަހުލުވެރިވާން ފަށާފައިވަނީ ސޮނީ އެންޓަޓެއިންމަންޓް ޓީވީން ދައްކަމުން ދިޔަ 'ހީނާ' އިންނެވެ. ހީނާ އެއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޑުރާމާއެކެވެ. ހީނާ ބަލަމުން ދިޔަ ދުވަސްވަރު ސްޓާޕްލަސްއިން ދައްކަމުން ދިޔަ ތަފާތު އެކި ކަހަލަ، އެކްތާކަޕޫރުގެ 'ކާފު'ން ފެށޭ ޑުރާމާތައް ވެގެން ދިޔައީ ދިވެހިންގެ މުނިފޫހިފިލުވުމުގެ ބޮޑު ބަޔަކަށެވެ.

ހިންދީ ޑުރާމާ ސިލްސިލާތަކުން 'ބަޖާޖާއި ޕްރޭނާ އަދި އަނޫރާގް' މަޝްހޫރުވެ މަގުބޫލުވީ ޒަމާން މިިއަދު ބަދަލުވެއްޖެއެވެ. ގޭގެ ފެންޑާތަކުން ފެންނަ މަންޒަރު ބަދަލުވެއްޖެއެވެ. ތަހުޒީބުވެ ކުރިއަރާފައިވާ ޒަމާނާ އެއްގޮތަށް ޓީވީ، ލެޕްޓޮޕާއި ފޯނަށް ބަދަލުވެއްޖެއެވެ. ޓެބްލެޓާއި އައިޕެޑް އާންމުވުމާއި ޕްރޮޖެކްޓަރު އަޅުވައިގެން ގޭގައިވެސް ބޮޑު ސްކްރީނުން ވީޑިއޯ ބެލުން އާދައިގެ ފަސޭހަ ކަމަކަށް ވީއިރު، މިހާރު 'ކަސައުޓީ ޒިންދަގީ ކީ'، 'ކެއިސާ ޔެ އިޝްގުހޭ؟' މި ލަވަތަކުގެ ބަދަލުގައި މިހާރު އިވެނީ މުޅިން ތަފާތު އާ އަޑެކެވެ.

"ސެނީ ސެވިޔޮރުމް"....."ސަލަންގްހެއި"

އެބުނީ ކީކޭބާވައެވެ. ރައްޓެއްސަކު އޭނާގެ އަނބިމީހާ، ކައިވެނީގެ އަހަރީ ދުވަހު ފޮނުވި މެސެޖެއްގައި އޮތް އެއްޗެއް ނޭނގިގެން އައިސް ހައިރާންވެފައި މެސެޖު އިއްވައިލިއެވެ. އޯޑިއޯ މެސެޖުގައި ދީފައި އޮތީ ދެ މެސެޖެކެވެ. އެއީ އަގުބޮޑު، އަގުހުރި ހަދިޔާއެކެވެ.

"ތުރުކީ ބަހުން 'އަހަރެން ކަލޭ ދެކެ ލޯބިވޭ، އައި ލަވް ޔޫ' އެއީ ސެނީ ސެވިޔޮރުމްގެ މާނަ. ދެން އެ އިވުނީ ކޮރެއާ ބަހުން ހަމަ އެ މާނައިގައި ބުނާ ގޮތް."

މިހާރަކަށް އައިސް ތުރުކީ ބަހާއި ކޮރެއާ ބަހަށް ދިވެހިން އަންނަނީ އަހުލުވެރިވަމުންނެވެ. ހަޔާތާއި މުރާތު ނުދަންނަ މީހަކު މުނިފޫހިފިލުވުމުގެ ދާއިރާއަށް ސަމާލުކަން ހުންނަ ދިވެހިންގެ ތެރޭގައި މަދުވާނެއެވެ. 2016 ވަނަ އަހަރު ދިވެހިންގެ ތެރޭގައި މަގުބޫލުވެގެން އައި 'އާސްކް ލެފްޓަނަންލަމާޒް' (ޕިޔާރް ލަފްޒޯމޭ ކަހާނ) (ask laftan alamaz:love doesn't know) ހިންދީ ބަހުން ޑަބްކޮށް އިނގިރޭސި ސަބްޓައިޓްލް އާއެކީ މުޅި ދުނިޔޭގައިވެސް މަޝްހޫރުވެގެން ދިޔަ ސީރީޒްއަކަށް ވަނީ ވެފައެވެ. ބުރާކް ޑެނިސްއާއި އެންޑި އެރްސެލްއަށް މި ޑުރާމާ ސިލްސިލާގައި މުރާތު ސަލްސިލްމަސްއާއި ހަޔާތު އުޒޫންގެ ރޯލު އަދާކޮށްފައިވާ ފުރިހަމަކަމަށް އެންމެ މޮޅު އެކްޓަރާއި އެކްޓްރެސްގެ އެވޯޑު ލިބިފައިވާ އިރު، މި 'ކަޕްލް'އަކީ އަދިވެސް އެންމެ ގުޅޭ ޖޯޑުގެ ގޮތުގައި މަޝްހޫރު ކަމަށް ބަދަލެއް ނާންނަ ދެ ސްޓާރުންނެވެ.

ބޭރުފުށުން ފެންނަ ސިފަތައް މޭކަޕުން ފޮރުވައިގެން އުޅޭ އަންހެން ކުއްޖެއްގެ ހަޔާތަށް ބިނާކޮށްފައިވާ ކޮރެއާ ސީރީސް 'ޓްރޫ ބިއުޓީ' އަކީ ދިވެހީންގެ ތެރޭ މަގުބޫލު ސީރީޒެކެވެ. ކޮރެއާގެ ބޭންޑެއް ކަމަށްވާ "ބީޓީއެސް" އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މަގުބޫލު އެއް ބޭންޑަށް ވެފައިވާ އިރު، ދިވެހިންގެ ތެރޭގައި މި ބޭންޑު މަގުބޫލުވުމަކީ ދިވެހިންގެ ވިސްނުމާއި ހިޔާލާއި ފިކުރުވެސް ތަރައްގީވަމުން އަންނަ ކަމުގެ ހެއްކެކެވެ.

"ހިންދީ އެއްޗެއްސަށްވުރެ މާބޮޑަށްވެސް މިހާރު ތުރުކީ، ކޮރެއާ އެއްޗެހި ހިނގާ. ހީނާއިން ހިންދީ ސީރީޒް ބަލަން ދިވެހިން ފެށި ގޮތަށް 'އާސްކް ލަފްޓަނައްލަމާޒް'އިން ފެށުނީ ތުރުކީ އެއްޗެހި ބަލަން. މިހާރު އޭގެ ފަހުން 300 ސީރީޒް ވަރު އުޅޭނެ ދިވެހިން ބަލާ. މިހާރު އެންމެ ހިނގަނީ ހިސްޓޮރިކަލް އެއްޗިހި. 'ބިރިލިސް އުތުރުގުލް، ކުރުލުސް އުސްމާން' ކަހަލަ އެއްޗެހި. ލަވްސްޓޯރީސް ލައިކްވާ މީހުން ހަމަ އެކަހަލަ އެއްޗެހި. ޕްރިފަރެންސެއް އޮވޭ. ވަރަށް ހަމަ ވަރަށްވެސް ގިނަ ކޮރެއާ، ތުރުކީ އެއްޗެހި ބަލާ މީހުން،"

ފިލްމުތަކާއި ޑްރާމާ ސީރީޒްތަކުގެ ވިޔަފާރި ކުރާ "މޫވީ ލިންކް" އިން 'ވަން'އަށް މައުލޫމާތު ދިން ގޮތުގައި ވޭތުވެދިޔަ ހައެއްކަ، އަށެއްކަ އަހަރުތެރޭ ދިވެހިންގެ ރަހަ ވަރަށްވެސް ބޮޑަށް ބަދަލުވެއްޖެއެވެ. ކަސްޓަމަރުން ތަފާތު ރަހަތަކުގެ އެއްޗެހި ބެލި ނަމަވެސް، ދިވެހިން ބަލަނީ ހަމައެކަނި އިނގިރޭސި އާއި ހިންދީ އެއްޗެއްސެކޭ މިއަދު ނުބުނެވޭނެއެވެ. އެއަށްވުރެ ދިވެހިން ތަރައްގީވެއްޖެއެވެ.