ކުރިއަށް އޮތް ރޯދަ މަހަށް ހަނދުބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވާނީ ޖަލުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭނުގައި ށ. ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި އަމްރު ވިދާޅުވީ، އިދިކޮޅުން ކުރާހާވެސް މަސައްކަތަކީ ރައީސް ޔާމީން ޖަލަށް ދާން ޖެހޭނެކަން އެނގޭތީ އެކަން ނުވެ ސަލާމަތްވެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ރޯދަ މަހަށް ހަނދު ބަލާއިރު ޔާމީނު އޮންނާނީ ޖަލުގައޭ،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމުންވެސް އެނގޭ ގޮތުގައި ރައީސް ޔާމީން ވަނީ ގޯސްތަކެއް ހައްދަވައިފައި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އިންވެސްޓުކުރުމަކީ ވެސް ގޯހެއް ކަމަށް ވިދާޅުވިއެވެ.
އަމްރުގެ އިތުރުން، އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވެސް ވަނީ ރައީސް ޔާމީން ޖަލަށްދާން ޖެހިދާނެ ކަމަށް އިޝާރާތްކުރައްވައިފައެވެ.
ޝިފާޒް ވިދާޅުވީ، "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި ހަރަކާތްތައް ކުރިއަށްގެންދަނީ ޖަލަށް ދާން ބޭނުންވާތީ ކަމަށާއި އެމަނިކުފާނު އަލުން ޖަލަށް ލާން ޖެހޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިމިނަލް ކޯޓުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ 28 ނޮވެމްބަރު 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ. ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު އެ ކޯޓުން ވަނީ، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި މިހާރުވެސް ޝަރީއަތްތަކެއް އެބަ ހިނގައެވެ. އެއީ، ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތާއި ވ. އާރަށް މައްސަލައިގައި އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތެވެ.