ކުޅިވަރު

މޮޅަކާއެކު ލިވަޕޫލް މަޑުމަޑުން ސިޓީއާ ގާތަށް، ފުލުގައި އޮތް ބާންލީ އަތުން އާސެނަލްއަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން ލިވަޕޫލް މޮޅުވި އިރު، ބާންލީ ކައިރީ އާސެނަލް އެއްވަރުވެއްޖެއެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕެލެސް ބަލިކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ބޮޑުކޮށް އޮތް މެންޗެސްޓާ ސިޓީއާ ގާތަށް ޖެހުލަށް ލިބުނު ހަނި ފުރުސަތެއްގެ ބޭނުން ހިފުމަށެވެ. ރޭ މެންޗެސްޓާ ސިޓީން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމާއެކު އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓާ އެކުގައެވެ. މިރޭގެ ނަތީޖާއާއެކު ސިޓީއަށްވުރެ މެޗެއް މަދުން ކުޅެ، ލިވަޕޫލް ވަނީ 48 ޕޮއިންޓް ހޯދައިފައެވެ. ތިންވަނައިގައި ޗެލްސީ އޮތީ 23 މެޗުން 44 ޕޮއިންޓާ އެކުގައެވެ.

މިރޭގެ މެޗަށްވެސް ލިވަޕޫލުން ނުކުތީ އެޓީމުގެ އެފްރިކާ ދެ ފޯވަޑުން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ނުލައެވެ. އެ ދެކުޅުންތެރިންވެސް މިވަގުތު ތިބީ ގައުމީ ޓީމާއެކު އެފްކޮންގެ ގަދަ 16 ގެ މެޗުތަކަށް ތައްޔާރު ވެގެންނެވެ.

ލިވަޕޫލުން މެޗު ފެށީ ވަރުގަދަ ކޮށެވެ. ޕްރެސިން ރަނގަޅުކޮށް މެޗު ފެށި ލިވަޕޫލުން މެޗުގެ އަށްވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ލިވަޕޫލަށް ލީޑު ނަގައިދިނީ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލެކްސް އޮކްސްލޭޑް ޗެމްބަލެންގެ ގޯލަކާއެކު ލިވަޕޫލުން ލީޑު ފުޅާވެސް ކުރި އިރު، ދެވަނަ ހާފަށް ނުކުމެ ޕެލެސްއިން ކުޅުން ރަނގަޅު ކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕެލެސްގެ ގިނަ ހަމަލާތައް ފެނުނު އިރު، މައިކަލް އޮލިސޭ އާއި ޖީން ފިލީޕޭ މަޓޭޓާގެ ހަމަލާތައް ހުށިޔާރުކަމާއެކު މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ. އޭގެ ފަހުން ކޯނޯ ގަލަގާ ބޮލުން ޖެހި ހަމަލާ ބޭރަށް ދިޔަ އިރު، ޕެލެސްގެ ހަމައެކަނި ގޯލު ޖަހައިދިނީ އޮޑްސޯން އެޑުއާޑޯއެވެ. މެޗުގެ ފަހު ކޮޅާ ޖެހެންދެން ޕެލެސްއިން ޕޮއިންޓަކަށް ބުރަކޮށް މަސައްކަތް ކުރަނިކޮށް ލިވަޕޫލުން ނަތީޖާގެ ފަރަގު ބޮޑުކޮށްލީ ލިބުނު ޕެނަލްޓީއެއްގައެވެ.

އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޑިއޭގޯ ޖޮޓާއަށް ކެވިން ފްރެންޑް ކުރި ފައުލެއް ވީއޭއާރްގެ އެހީގައި ރިވިއުކޮށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ލިވަޕޫލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.

އާސެނަލްއިން އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ އާސެނަލްއަށް ގަދަ ހަތަރަކަށް އަރަން ފުރުސަތު އޮތް ނަމަވެސް ފުލުގައި އޮތް ބާންލީ އަތުން މޮޅު ނުވެވި އެ ފުރުސަތު އަނެއްކާވެސް ވަނީ ގެއްލިފައެވެ.

އާސެނަލްއަށް 21 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ހަވަނައިގައެވެ. ބާންލީ ފުލުގައި އޮތީ 18 މެޗުން 12 ޕޮއިންޓާ އެކުގައެވެ.

މެޗުގައި ގޯލެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އެލެކްސެންޑްރާ ލަކަޒެޓެވެ. އެމީލް ސްމިތު ރޯވްގެ ޕާހަށް ކުރިއަށް ޖެހި އޭނާ ޖެހި ބޯޅައެއް ބޭރަށް ދިޔަ އިރު، ސްމިތު ރޯގެ ހަމަލާއެއް ބާންލީ ގޯލްކީޕަރު ނިކް ޕޯޕު ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން މާޓެން އޮޑެގާޑުގެ ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ޕޯޕެވެ.