ސިއްހަތު

ހަކުރު ބަލި: މަރު ބައްޔެއް ނޫން، ބައްޔަށްވުރެ ތިބާ ބަލިވެގެން ނުވާނެ

މަރިޔަމް ޝަފާ އިބްރާހިމް

1

ޑައެބަޓިސް ނުވަތަ ހަކުރު ބައްޔަކީ ލޭގައި ހިމެނޭ ގުލްކޯޒުގެ މިންވަރު އިތުރުވުމުން ޖެހޭ ބައްޔެކެވެ. ހަކުރު ބަލީގެ މީހުންނަކީ ވަކި ގޮތްތަކަކަށް ބައްޓަންވެގެން ކެއުމުގެ ވެސް ވަކި ވައްޓަފާޅިއެއް ގެންގުޅެން ޖެހޭ ބައެކެވެ. ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ގޭގެ ސުފުރާ މަތީން ކިތަންމެ މީރުވަސް ދުވާ، ފާޑުވެރިކަން ނުހަނު ފުރިހަމައަށް އެހާމެ ޗާލޫކޮށް ކާތަކެތި އަތުރާފައި ހުއްޓަސް އެތަކެއްޗާ ދިމާއަށް ހިތްދަތި ނަޒަރަކުން ބަލައިލުން ފިޔަވައި އެހެން ކަމެއް ކޮށްލެވޭކަށް ނޯވެއެވެ. ބައެއް ފަހަރަށް ކުޑަ އެތިކޮޅެއްގެ ރަހަވެސް ބަލައިލެވޭކަށް ނޯވެއެވެ. ފޮނި ކާތަކެތީގެ ދިގު ލިސްޓަކަށް ކުލައާއި ވައްތަރުގަނޑު ރީތިކޮށް ހަދާފައި ހުންނަ ސުފުރާ މަތި ފެނުމުން ހިތަށް ކުރާ އަސަރު ބަޔާންކޮށްދޭންވެސް ދައްޗެވެ.

"ރަހަ ނުލާ ހަކުރުގެ ހާއްސަ ސައި ބޮއިބޮއި ފޫހިވެއްޖެ،" މިއީ ހަކުރު ބަލީގައި އަހަރުތަކެއް ހޭދަކޮށްފައިވާ އަންހެނެއްގެ އިހުސާސެވެ.

ހަފުތާގެ ހަތް ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހަކުވެސް ވަކި ތާވަލެއްގެ ދަށުން ސުފުރާމަތި ޑައެބެޓީސް، ނުވަތަ ހަކުރު ބަލީގެ ބަލިމީހަކަށް ހާއްސަކޮށްގެން ތައްޔާރުކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ޔަގީނެވެ. އެހެންނަމަވެސް އެކަމުން ލިބޭ ހިތްހަމަޖެހުން ނުހަނު ބޮޑެވެ.

ފަރުވާ ކުޑަކުރެވޭކަށް ނެތް، ކަސްރަތާއި ފައިދާ ހުރި ކާނާ މުހިންމު!

ހަކުރު ބަލީގެ ދެ ވައްތަރެއް އުޅޭ އިރު، ދެ ވައްތަރުގެ ބަލީގެ މީހުންނަށްވެސް ކާބޯތަކެތި އާދައިގެ އާންމު މީހެއް ހެނެއް ބޭނުންކުރެވޭކަށް ނޯވެއެވެ. އެހެންކަމުން ހަކުރު ބަލީގެ ކޮންމެ މީހަކީވެސް ކެއިންބުއިމުގައި ވަރަށްބޮޑަށް ސަމާލުވެ ބަލައިގެން އުޅެން ޖެހޭ މީހެކެވެ. މި ބަލީގެ މީހުންނަކީ ހަށިގަނޑާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ބައެކެވެ.

އަދުގެ ކުރިއަރާފައިވާ ދުނިޔޭގައި، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ކަންތައްތަކުން ތަރައްގީވެ ކުރިއަށް ޖެހެމުން ދަނީ ވަރަށް ވެސް ހަލުވި ސްޕީޑެއްގައެވެ. މިއަދު ހަކުރު ބަލީގެ މީހާ ރެސްޓޯރަންޓަކަށް ނުވަތަ އާދައިގެ ކެފޭއަކަށް ދިޔަޔަސް އޭނާއަށް ގެނެސްދޭ ސަޔާއި ޖޫހާއި ކާތަކެތީގެ ބާވަތްތައް އޯޑަރު ދިނުމުގައި ތިމާއަކީ ހަކުރު ބަލީގެ މީހެއްކަން ބަޔާންކޮށްލުމުން، ގެންނަނީ އޭނާއަށް ކެވޭ ކަހަލަ ގޮތަކަށެވެ. ހަމަ އެހެންމެ ފިހާރަތަކުގައްޔާއި ކާއެއްޗެހި ހަދާ ތަންތާނގައިވެސް އާންމު ރެސިޕީތަކަށް ހުންނަ އެއްޗެއްސާ އެއްގޮތަށް ހަކުރުބަލީގެ މީހާއަށް ހާއްސަ ރެސިޕީތަކުގެ އެއްޗެހިވެސް ހުރެއެވެ. އެހެންކަމުން ހިތްއެދޭ ފަދަ ރަހައެއްގެ ކާއެއްޗެއް ނުކެވިގެން ހިތުގައި ޖެހި ދެރަވާކަށް މިއަދަކު ނުޖެހެއެވެ.

ޑައެބެޓިކްސް ހޯމް ގައިޑްގެ ނަމުގައާއި ޑައެބެޓިކްސް ޑެއިލީ ޓިޕްސް އާއި އަދިވެސް ތަފާތު އެކި ނަންނަމުގައި ޕޭޖުތަކާއި އިވެންޓުތަކާއި ހިޔާލުތައް ސޯޝަލް މީޑިޔާއިން ފަސޭހަކަމާއެކު ފެންނަން ހުރެއެވެ. އެހެންކަމުން މިއަދުގެ ދުނިޔޭގައި އެއްޗެއް ނޭނގިގެން ހަކުރު ބަލީގެ މީހަކަށް ނުވަތަ ކުއްޖަކަށް ދެރަ ގޮތެއް ވުމަކީ ދުރުކަމެކެވެ. އެހެނީ ހަކުރުބައްޔާ ބެހޭގޮތުން ރާއްޖެ ވަނީ ވަރަށްބޮޑަށް ހޭލުންތެރިވެ ކުރިއަރާފައި ކަމަށްވާތީއެވެ.

"އަބަދުވެސް ޑައިބެޓިސް ޑައެޓެއް ހަދައިގެން ގެންގުޅެން. އަސްލު ފަސް ކަމަކަށް ސަމާލުކަން ދެން. އެއީ ގިނަ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރުމަށް. ބަލި ހުރިކަން އެނގުނު ފަހުން އަބަދުވެސް އެ ފަސްކަމަށް ހާއްސަކޮށް ފަރުވާތެރިވަން. ފުރަތަމަ ވަރަށް ދެރަވި. އިންސިއުލިން ޖަހަން ޖެހޭ ކޮންމެ ފަހަރަކު ރޮވޭނެ. ބައްޕަ އެކަނި ހުންނަނީ. މަންމަ ނެތިގެން އެންމެ ފުރަތަމަ ފަހަރަށް ބައްޕައާ ޝަކުވާ ކުރީވެސް ބަލި ހުރިކަން އެނގުނު ދުވަހު. އެކަމަކު މިހާރު ހަމަ އާދައިގެ މީހުންނާ ވަކި ތަފާތު ހެނެއް ހީ ނުވޭ. ވިސްނައިގެން ބަލައިގެން އުޅޭތީވެ މައްސަލައެއް އެއްވެސް ވަރަކަށް ނުޖެހެއޭ ބުންޏަސް ރަނގަޅުވާނެ،"

އަމިއްލަ ކުންފުންޏެއްގައި ގްރެފިކްސް ޑިޒައިނަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ކާމިޔާބު، އެހާމެ ހިތްވަރު ގަދަ ޅަ ޒުވާނަކު ކިޔައިދިނެވެ. ނަބީލް ފައިރޫޝް، 21 އަހަރު، "ވަން"އަށް ކިޔައިދިން ގޮތުގައި މިއީ ހަމައެކަނި ހަށިގަނޑުގެ ނުވަތަ ލޭގެ ބައްޔެއް ނޫނެވެ. މިއީ ސިކުނޑީގެ ވަރަށް ބޮޑު ދައުރެއް އޮންނަ ނަފުސާނީ ގޮތުން ވަަރަށް ހަމަޖެހިގެން، ވިސްނައިގެންވެސް އުޅެން ޖެހޭ ބައްޔެކެވެ. ގްރޭޑް ނުވައެއްގައި ކިޔަވަމުން ދަނިކޮށް ހަކުރު ބަލީގެ އަލާމާތްތައް ފެނި ޓެސްޓުތައް ހެދުމުން އިންސިއުލިން ޖަހަންޖެހޭ ޑައިބެޓިކްސް1، ހުންނަކަން އެނގުމުން އެދުވަހު ދެރަވި ނަމަވެސް މިވީ ފަސް ވަރަކަށް އަހަރު ތެރޭ ވަރަށް ބޮޑަށް ބައްޔާ ބެހޭގޮތުން ހޭލުންތެރި ވެވިއްޖެކަން ފާހަގަކުރަމުން މިހާރު ބަލި ބޮޑުނުވެ އުޅުމަށް މަސައްކަތް ކުރާ ގޮތް ނަބީލް ކިޔައިދިނެވެ.

"ކޮންމެ ދުވަހަކުވެސް ފަތިހު ފިނީގައި ހިނގަން ދަން. ގެއިން ނުކުތުމުގެ ކުރީގައި ޖޫސްތަށްޓަކާއި ޑައެޓް ދެތިން ބިސްކޯދެއް ކެއުމަށް ސަމާލުވަން. ހިނގައި ނިމިގެން ގެއަށް އަންނަނީ ފަނަރަ ވިއްސަކަށް މިނެޓް ފަތާލައިގެން. ފެންވަރައި އޮފީހަށް ދާން ތައްޔާރުވެގެން ލުއި ގޮތަކަށް ނާސްތާއެއް ކުރަން. ހުސްބަނޑާ ހުރުމަކީ އެއްވެސް މީހަކަށް ރަނގަޅުކަމެއް ނޫން. ހާއްސަކޮށް އަހަރެމެން ހަކުރު ހުންނަ މީހުން ޖެހޭނެ ކެއުމަށް ސަމާލުވާން. މެންދުރުގެ ކެއުމުގައި ފެހި ފަތާއި ތަރުކާރީ ހިމަނަން. ބްރައުން ރައިސް އަބަދުވެސް ބަތަކަށް ބޭނުން ކުރަނީ. ހުދުބަތެއް ނުކަން. ތެލާއި ފެޓްސް ހިމެނޭ އެއްޗެހި ވަރަށް ނުކަން. ވަރަށް ބުރަކޮށް އުޅެން ޖެހޭ ދުވަސްތަކުގައިވެސް ގަޑިން ގަޑިއަށް ކެއުމާއި އިންސުލިން ޖެހުމަށާއި ފިކުރުބޮޑުވާ ކަންތަކާ ދުރުވުމަށް ހާއްސަކޮށް ވިސްނަން،"

ނަބީލް ބުނާގޮތުގައި ވީވަރަކުން މޭވާގެ ތެރެއިން ކާން އެންމެ ރަނގަޅު ފައިދާ ހުރި ވައްތަރުތައް ބޭނުންކުރެއެވެ. އިރާކޮޅު ބައިގަޑިއެއްހާ އިރު ދުވަން ދެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ކޮންމެ ރެޔަކުވެސް ބަރުދަން ޗެކްކޮށް ނޯޓްކުރެއެވެ. ކިރިޔާވެސް މައްޗަށް ޖެހިއްޖެއްޔާ ހަމަ އަނެއްދުވަހު އިތުރަށް މަސައްކަތްކޮށްގެން އެބައި ދަށް ކުރެވޭތޯ ބަލައެވެ.

އޭނާ ދެކޭގޮތުގައި ހަކުރު ބަލި، ބިރުގަންނަ މަރު ބައްޔަކަށް ވަނީ ބައްޔާ މެދު ފަރުވާކުޑަކޮށް ޑޮކްޓަރުން ދެއްވާ އިރުޝާދަށް ސަމާލުކަން ނުދޭތީއެވެ. އެހެންނޫންނަމަ ހަކުރު ބައްޔަކީ ހަމަ އާދައިގެ އާންމު ބައްޔެކެވެ.

"ހިތްހަމަޖެހޭ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރޭ! ބައްޔަށްވުރެ ތިމާ ބަލިވެގެން ނުވާނެ"

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޔޯގާ އިންސްޓިޓިއުޓް ކަމަށްވާ، އިންޑިއާގެ ''ދަ ޔޯގާ އިންސްޓިޓިއުޓް"ގެ ޑޮކްޓަރު، ހަންސާޖީ ޔޮގެންދްރާ ވިދާޅުވާގޮތުގައި ހަކުރު ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ އެ ބަލި ކޮންޓްރޯލް ކުރުމެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ހާއްސަ ޑައެޓް ޕްލޭނެއް އޮންނަން ޖެހޭނެއެވެ.

"ކިޑުނީ ފެއިލިވުމާއި ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތަކާއި ގުނަވަންތައް ބުރިކޮށްލުމުގައި ޑައިބެޓީސްގެ ބޮޑު ދައުރެއް އޮވޭ. ހަކުރު ބަލީގެ މީހުންގެ އެންމެ ހާއްސަ އަދި އެންމެ މުހިންމު ވަޒީފާއަކީ އަދި އެމީހުން އެންމެ ސަމާލުވާން ޖެހޭ ކަމަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުން. މިކަން ކުރެވޭނީ ކެއުން ވަކިގޮތަކަށް ބައްޓަން ކޮށްގެން. ޝުގާލެވެލް ބިނާވަނީ ކެއުމަށް. އެހެންކަމުން ކެއުމުގައި ހިމެނޭ ތަކެއްޗާ މެދު ސަމާލުވާން ޖެހޭ. ފެހިފަތާއި ތަރުކާރީގެ ބާވަތްތަކުން ކެލޮރީސް ދަށް ކޮށްދޭނެ. ކާބޯހައިޑްރޭޓްސް އާއި ފެޓްސް ދަށްކުރަން ކޮންމެހެންވެސް ފެހި ފަތް ބޭނުންވާނެ. ހާއްސަކޮށް މުރަނގަ ފަތަކީ ވަރަށް މުހިންމު ދައުރެއް މިކަމުގައި އަދާކުރާ ފެހިފަތެއް. ބްރައުން ރައިސްއާއި ރަގީ (މަސްޓަޑް ސީޑްސް) ކެއުމުގައި ހިމެނުން ކޮންމެހެންވެސް ބޭނުން،"

ޑރ. ހަންސާޖީ އިރުޝާދު ދޭ ގޮތުގައި ތަފާތު ބެރީސް، ސްޓްރޯބެރީސް، ބްލެކްބެރީސް، ބްލޫބެރީސް، ރާސްބެރީސްއަކީ އެއްވަނައިގެ ބާވަތެކެވެ. ވިޓަމިން ސީގެ ސަބަބުން އަދި އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަކުރުގެ މިންވަރު އިތުރުކުރާ އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެއެވެ. ބީންސްއަކީ ގްލައިސެމިކް އިންޑެކްސް ދަށް ބާވަތެއް ކަމުން ޔަގީންކަމާއެކު ހަކުރުގެ މިންވަރު ދަށްކޮށްދޭނެއެވެ. އޭގެ ތެރެއިން ސޯޔާބީންސް، ޖީ.އައި15، ކިޑްނީބީންސް، ޖީ.އައި28، އަދި ޗިކްޕީސް، ޖީ.އައި33، ހަޖަމު ވަނީ ވަރަށް މަޑުމަޑުން، ލަސްލަހުން ކަމުން ކޮލެސްޓްރޯލާއި ހަކުރު ދަށްކޮށްދެއެވެ.

"ހުތް ބާވަތްތަކުގެ ތެރެއިން އޮރެންޖާއި ލުނބޮލުގައި ހިމެނޭ ވިޓަމިންސީން ހަކުރު ދަށްކުރޭ. މި ބާވަތްތައް ކެއުމުގައި ހިމެނުމުގެ އިތުރަށް ތިމާގެ ސިއްހަތަށް އެންމެ އަސަރު ކުރުވާނީ ތިމާގެ ސިކުނޑީގެ ހާލަތުކަން ދަންނަން ޖެހޭނެ. ހިތްހަމަޖެހޭ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަކީ ހަކުރު ބަލީގެ މީހުންނަށް ވަރަށް މުހިންމު ކަމެއް. ތިމާގެ ނަފުސުގެ ވެރިޔަކީ ތިމާކަމަށް ވާންޖެހޭ. އޭރުން ހިތްހަމަޖެހޭ ގޮތަކަށް ދިރިއުޅެވޭނެ. ހަކުރު ބައްޔަކީ މެނޭޖުކުރެވިއްޖެނަމަ އާދައިގެ އާންމު މީހެއްގެ ހަޔާތް ވޭތުކުރާ ބީދައިން ތިމާގެ ހަޔާތްވެސް ވޭތިކުރެވޭނެ ބައްޔެއް. ބައްޔަށްވުރެ ތިމާ ބަލިވެގެނެއް ނުވާނެ. ތިމާ ބައްޔަށްވުރެ ގަދަވުމަކީ ބަލީގެ ޝިފާއެއް،"

ހަކުރުބަލި ހުންނަ މީހުންނަށް ނަސޭހަތް ދިނުމުގެ ގޮތުން ތަފާތު ޑޮކްޓަރުން އެކި ގޮތްގޮތަށް ވާހަކަ ދައްކައި، ކުދި އެހީ، ފަސޭހަ އެހީ، ނުވަތަ ޓިޕްސް އެކި ގޮތްގޮތަށް ދީފައިވެއެވެ. އޭގެ ތެރެއިން ތަފާތު އެކި ބަލިބަލީގެ ޑޮކްޓަރުން، ސްޕެޝަލިސްޓުން، އަދި ހަކުރު ބަލީގެ ހާއްސަ ޑޮކްޓަރުން، ތެރަޕިސްޓުން، ނަފުސާނީ މާހިރުން ފަދަ އެންމެންވެސް ދެއްވާފައިވާ ނަސޭހަތުގެ ބަސްކޮޅުތަކުގެ ތެރޭގައި އެންމެންވެސް ފާހަގަކުރާ ހާއްސަ ފަސްކަމެއް ވެއެވެ. އެއީ؛

  • ގަވާއިދުން ކަސްރަތު ކުރުން
  • ހެލްތީ ޑައެޓް
  • ބަރުދަން ލުއި ކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ގެއްލުން ހުރި އާދަތައް ދޫކޮށްލުން
  • ދާއިމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމާއި އިންސިއުލިން ޖެހުމާއި ފޮލޯއަޕް ހެދުން

މިކަންތަކަށް ސަމާލުވުމާއެކު ހިތްހަމަޖެހޭ އުފާވެރި މާހައުލެއް އަމިއްލައަށް ބިނާކޮށްގެން ދިރިއުޅޭނަމަ ހަކުރު ބައްޔަކީ އެއްވެސް ބިރެއް ނެތް، އާދައިގެ ކަމެކެވެ. ގައިގެ ތަނެއްގައި ލަކުނެއް ހުރުމެކޭ ހަކުރު ބަލި ހުރުމެކޭ އެއްވެސް ތަފާތެއް އޭރަކުން ނުހުންނާނެއެވެ. ކޮންމެގޮތެއްވިޔަސް ބަލި ޖެހުމަށްފަހު ދެން އޮންނާނެ ހަމައެކަނި ހައްލަކީ އެ ބައްޔަކަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަނެ އެ ފަރުވާ ލިބިގަތުމެވެ. ބައްޔެއް ޖެހުމުން އިތުރަށް އެ ބަލި ބޮޑުވެ، އެ ބަލި މަރު ބައްޔަކަށް ވާކަށް ކޮންމެހެން ލާޒިމެއް ނުކުރެއެވެ. އެ ބަލި އެއީ ތިމާގެ ހަށިގަނޑުގެ ލޯބިވާ ބައެއް ކަމުގައި ގަބޫލުކޮށްގެން އުޅުމަކީ ހަމަ އެންމެ މޮޅު ޝިފާކަން ގައިމެވެ. ބަލީގެ އެންމެ ފުރިހަމަ ޝިފާއަކީ ތިމާ ބައްޔަށްވުރެ ގަދަވުމެވެ.