މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވަކި ހިސާބަކުން ކެންސަލް ކޮށްފިއެވެ.

އެ މައްސަަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ މިއަދު 9:30 އަށެވެ. މިއަދުގެ އަޑުއެހުން ދެ ފަހަރެއްގެ މަތީން ކުރިޔަށްގެންދަން މަސައްކަތް ކުރިއެވެ. ދެވަނަ ފަހަރު އަޑުއެހުން ބާއްވަން ފަށަމުންވެސް ކްރިމިނަލްކޯޓުން ބުނީ އަޑުއެހުން ފެށުން ލަސްވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް އަޑުއެހުން ފެށުމަށްފަހު، ދިފާއުގެ އަޑު ލިބުމުގައި މައްސަލަތަކެއް ދިމާވުމުގެ ސަބަބުން އެމައްސަލަ ހައްލުކުރަން ވަގުތުކޮޅަކަށް އަޑުއެހުން ކެންސަލް ކުރިއެވެ. ނަމަވެސް އެއަށްފަހު މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދާ ގޮތަށް ކެންސަލް ކުރިއެވެ.

ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ މައިކުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. މީގެ ކުރީންވެސް މި މައްސަލައިގެ އަޑުއެހުންތަކެއް ވަނީ ބާއްވައިފައެވެ. އަދި ދެފަރާތުން ވަނީ ހެކީންވެސް ހުށަހަޅައިފައެވެ.

މިއަދު އަޑުއެހުން ކެންސަލްކުރި ނަމަވެސް ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ކޯޓަކުން ނުބުނެއެވެ.