ޚަބަރު

ހެންވޭރު ދަނޑުގައި އާ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމުކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ހެންވޭރު ދަނޑުގައި އާ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ޓެސްޓު ހެދުމަށް ދިގު ކިޔޫތައް ހަދަން ޖެހެ އެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށާއި އާންމުނަށް ފަސޭހަ ކަމާއެކު ޓެސްޓު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް އަބަދުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޓެސްޓިން ކެޕޭސިޓި އިތުރު ކުރުމަށް މިއަދުގެ 3:00ގެ ފަހުން ހެންވޭރު ދަނޑުގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި މި ސެންޓަރުންވެސް ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ހަވީރު 6:00 އަށް ހިދުމަތް ދޭނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މިހާރު ގާއިމުކޮށްފައިވާ ސާމްޕަލް ސެންޓަރު ތަކަކީ ހެންވޭރު ފުޓުބޯޅަ ދަނޑާއި، ސޯޝަލް ސެންޓަރާއި، ވިލިމާލެ ފުލޫ ކުލިނިކާއި ހުޅުމާލެ ރުއްގަނޑު1 ސަރަހައްދެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާއިރު މިއީ ކޮވިޑުގެ އާ ވޭރިއެންޓު ކަމަށްވާ އޮމިކްރޯން ކަމަށް ބެލެވޭ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. ރާއްޖެއިން މިހާރުވެސް އޮމިކްރޯން ޖެހިފައި ތިބި 74 މީހުން ފެނިފައިވާ ކަމަށާއި މިއަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.