ސްޓެލްކޯ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޮންނަ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
ހުޅުލެއަށް މީގެ ކުރިން ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލުންނެވެ. ނަމަވެސް އެތަނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ، ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯއާއެކު އެމްއޭސީއެލުން އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމުކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑުގެ ތެރެއަށް ހުޅުލޭގެ ގްރިޑް އިތުރުކޮށް، އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް މިއަދު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
އިންޓަކަނެކްޝަން ގްރިޑާ ހުޅުލޭގެ ގްރިޑް ގުޅާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. އަދި ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައި ވަނީ އެ ޕްރޮޖެކްޓުގެ ދަށުންނެވެ.
އެގޮތުން މާލެއާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާސްފޯމަރު ބަހައްޓާފައިވާ އިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު