އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.
މާޅޮހު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ، ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށާއި މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
މި ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ހާޑް ސްޓާރާޓާ ނަގާއިރު އަންނަ ބާރުގަދަ ގޮވުންތަކުން ސަލާމަތްވުމަށްޓަކައި، ބޮޑެތި މެޝިނަރީޒް އެމްޓީސީސީ ބޭނުންކުރަމުންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޖުމުލަ 56.97 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ.