ސާފު އުޖާލާ ނަލަ މޫނަކާއި ފުރިހަމަ ރިވެތި އިސްތަށިގަނޑެއް ކޮންމެ ޖިންސެއްގެ މީހަކަސް ނުހަނު ބޭނުންވެއެވެ. ލޮލަށް ފެންނަ ރީތިކަމަށް ހިތް ދެވުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ. އެހެންކަމުން ޒީނަތްތެރިވުމަށް ހޯދޭ ހޯދުންތަކާއި ކުރެވޭ ހޭދަތައްވެސް ކުޑައެއް ނޫނެވެ. ސިއްހަތާއެކު ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމަށް ސަމާލުކަންދިނުމަކީ ފެށުނީއްސުރެވެސް ހުރިހާ ޒަމާނެއްގައިވެސް އޮންނަ ކަމެކެވެ.
މޫނުގައި އުނގުޅާ ފާޑުފާޑުގެ ކްރީމްތަކާއި ބްލީޗިން ކްރީމްތަކާއި އިސްތަށިގަނޑު ސާފުކޮށް ރީތިކުރުމަށް ބޭނުންކުރާ ޝޭމްޕޫ، ތެޔޮ، ކްރީމް، ސެރަމް، ލޯޝަން، ސްޕްރޭ، މިހެންގޮސް ތަފާތު ބާވަތްތަކުގެ ތަކެއްޗަކީ ހޯދުންތަކާއި ދިރާސާކުރުންތަކަށްފަހު ބޭނުންކުރެވި، ތަޖުރިބާކުރެވި ނަތީޖާ ރަނގަޅުވެއްޖެނަމަ މީހުންގެ ތެރޭގައި މަގުބޫލުވެގެންދާ ތަކެއްޗެވެ. އަމިއްލަ ހަށިގަނޑުގެ ރީތިކަމަށް ޖީބުން ކުރެވޭ ހޭދަ ކުޑައެއް ނޫނެވެ. އަޖުމަ ބަލައިލުމަށްފަހު ކަމުދާ ހިސާބުން އޭގެ އަގަށް ބެލުމެއް ނޯވެއެވެ. ސަބަބަކީ މިއިން ކޮންމެ ކަމަކީވެސް ހިތްހަމަޖެހުމަށް ކުރާ ކަމަކަށް ވާކަމެވެ. އަމިއްލަ ހިތްހަމަޖެހުމާއެކު އަނެކާގެ ހިތްހަމަޖެހުންވެސް މިކަމުގައި އޮންނަކަން ގައިމެވެ.
ކިޔުކަންބާއާއި ޓޮމާޓޯ އަދި ރޯކިރާއި މާމުއީގެ އިތުރުން ބިހާއި ލުނބޯ ހިމެނެނީ ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ތާއަބަދުމެ ފެންނަ އާންމު ތަކެތީގެ ތެރޭގައެވެ. އެލޯވެރާގެ އުފެއްދުންތައް ހިމެނިފައިވަނީ އާންމުކޮށް ކޮންމެ މީހަކަށްވެސް އެނގޭ ކަމުދާ ބާވަތްތަކުގެ ތެރޭގައެވެ. ނަމަވެސް ފަހަކަށް އައިސް މަޑުމަޑުން އެހެނިހެން ތަފާތު ބާވަތްތައް ޒީނަތްތެރިކަމުގެ ދުނިޔޭގައި މިވަނީ އާންމުވާން ފަށައިފައެވެ. މިގޮތުން ހަނޑުލާއި އަލުތްވާއި ފިޔާ ހިމެނިފައި މިވަނީ ކެއުމުގެ ތާވަލުގެ ބޭރުގައި ޒީނަތްތެރިވުމަށް ތައްޔާރުކުރެވޭ އަޖައިބުވާ ފަދަ ބާވަތްތަކެއްގެ އަސްލުކަމުގައެވެ.
ފިޔާ ވަހަކީ ވަރަށް އުނދަގޫ ވަހެކެވެ. މީރުކޮށް ކައްކާ ކާއެއްޗެހީގެ ރަހައިގެ ބޮޑު ދައުރެއް އޮންނަ ފިޔާ ނޮޅައި، ކޮށައި ނިމޭއިރު އެ މަސައްކަތް ކުރާ މީހާގެ އަތާއި ލައިގެން ހުންނަ ހެދުމުގައި ވަސް ހިފުމުގެ އިތުރަށް ލޮލަށްވެސް އެހާ އުނދަގޫވެއެވެ. އެހެންނަމަވެސް ކާއެއްޗެހީގެ ތެރޭގައި ފިޔާ ނެތުމަކީ ވަރަށް ބޮޑު އުނި ކަމެކެވެ. ރަހަ އެއްގޮތަކަށްވެސް ކަމުނުދާ ވަރުގެ އުނިކަމެކެވެ.
ކެއްކުމަށް ފިޔާ ކޮށުމަށްފަހު އެތައް ގޮތަކަށް ސައިބޯންޏާއި ހޭންޑްވޮޝް ބޭނުންކޮށްގެންވެސް އަތުން ވަސް ފިލުވުމަކީ ދަތިކަމެކެވެ. ސަބަބަކީ ފިޔާ ވަހަކީ އެއްގޮތަކަށްވެސް ކަމުދާ ވަހަކަށް ނުވާ ކަމެވެ.
އެކަމަކު ފިޔާ ބޭނުންކޮށްގެން ޒީނަތްތެރިވުމަށް ނުހަނު ކާމިޔާބު އެތައް ކަމެއް ކުރެވޭކަން އެނގުމުން ކޮންމެ ވަހެއް ދުވިޔަސް ފަރުވާލެއް ނެތި 'ވަރިހަމަ' ކަމަށް ނިންމައި، ފިޔަލުގެ ބާވަތްތައް ބޭނުން ކުރާނެކަން ޔަގީނެވެ. އިސްތަށިގަނޑާއި ހަމަށް ވަރަށްވެސް ފުރިހަމަ ފަރުވާއެއް އޮތް ފިޔަލުގެ ވަހަށްވުރެ އޭގެ ބޭނުން މާބޮޑެވެ. ޒީނަތްތެރިވުމަށާއި ސިއްހަތަށްވެސް ނުހަނު ރަނގަޅު ފައިދާހުރި އެއްޗަކަށް ފިޔާ ވާއިރު އޭގައި މީރު ވަހެއް ހުރުން ލާޒިމެއް ނުވާނެތާއެވެ!..
އިސްތަށިގަނޑަށް ވަރަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނުވާ އެއްޗަކަށް 'ފިޔާތެޔޮ' ވެފައިވާ އިރު، އޭގެން 'ފިޔާސެރަމް' އާއި 'ފިޔާސްޕްރޭ' ވަނީ ތައްޔާރުކުރެވިފައެވެ. އިސްތަށިގަނޑު ކަފިވުމާއި ބޮލުން ހަން ފޮޅުމާއި އިސްތަށި ފޭބުމުގެ މައްސަލަތަކަށް ފިޔަލުގެ ވައްތަރުތަކަކީ ވަރަށްވެސް ރަނގަޅު ހައްލެކެވެ. އިސްތަށިގަނޑަށް ދިހުމާއި ދިރުން ގެނެސް ވަރުގަދަކޮށް ދުޅަހެޔޮކޮށްދީ ދިގުކޮށްދޭ ފިޔަލުގެ ބާވަތްތައް ގޭގައިވެސް ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ފިޔާ ނޮޅައި ސާފުކޮށް އޭގެ ދިޔަ ފެލައި، 'އެސެންޝަލް އޮއިލް'ގެ ކޮންމެވެސް އެއް ވައްތަރަކުން ދެތިން ތެޔޮތިކި (ފިޔާވަސް ކޮންމެވެސް ވަރަކަށް ކުޑަކުރުމަށް) ފިޔާ ދިޔައަށް އެއްކުރުމަށްފަހު ބޮލުގައިލާ ތެލަކަށް ބޭނުން ކުރެވޭނެއެވެ.
ފިޔާތެޔޮ ފަދައިން ހަނޑޫފެނަކީވެސް އިސްތަށިގަނޑު ރީތިކޮށް ފަރިކޮށް ބޭއްވުމަށް ބޭނުންކުރަން ވަރަށް ރަނގަޅު ވައްތަރެކެވެ. ހަނޑުލުގައި ހިމެނޭ ވިޓަމިން ބީ، އަދި ވިޓަމިން ސީ އާއި ވިޓަމިން އީގެ އިތުރުން އެމިނޯ އެސިޑުގެ ސަބަބުން އިސްތަށިގަނޑަށް ދިރުން ގެނެސް، އިސްތަށި ފޭބުން ދުރުކޮށް އިސްތަށިގަނޑު ދިގުކޮށްދެއެވެ.
ޖޯޑެއްގެ ސާފު ހަނޑޫ ފެންފޮދަކުން ކުޑަކޮށް ދޮވެލުމަށްފަހު އެ ފެންފޮދު އުކާލާށެވެ. ދެން ދެ ޖޯޑެއްގެ ފެނަށް އެ ހަނޑޫކޮޅު އެޅުމަށްފަހު ހާމައަށް ސާފުވައި ޖެހޭ ގޮތަށް އަވިނުދޭ ތަނެއްގައި ބަހައްޓާށެވެ. ތިރީހަކަށް މިނެޓް ފަހުން އެ ހަނޑޫފެނާއި ހަނޑޫކޮޅުވެސް މަތިބަންދުކުރެވޭ ކަހަލަ ބޮޑު ބިއްލޫރި ފުޅިއަކަށް އެޅުމަށްފަހު، އެއް ދުވަސް ވަންދެން (24ގަޑިއިރު) ވަންދެން މަތި ބަންދުކޮށްފައި ބަހައްޓާށެވެ. އަނެއް ދުވަހު ހަނޑޫ ފެން އެތި އެއްޗަކަށް އެޅުމަށްފަހު އިސްތަށިގަނޑަށް އަޅާށެވެ. މުޅި އިސްތަށިގަނޑުގައި ފެނުގެ އަސަރު ޖެއްސުމަށް ސްޕްރޭކުރެވޭ ކަހަލަ ފުޅިއަކަށް އަޅައިގެން ބޭނުންކުރެވިދާނެއެވެ. ބޮލުގެ ތަލައިގައި ރަނގަޅަށް ޖެއްސުމަށް ފުނާ ބޭނުން ކުރެވިދާނެއެވެ. 20 މިިނެޓުގެ ބޯ މަސާޖަކަށްފަހު ރީތިފެނުން ބޯ ދޮވެލާށެވެ. ޝޭމްޕޫ ކުރުމުގައި އާދައިގެ ބާވަތެއް ބޭނުން ކުރިޔަސް މައްސަލައެއް ނެތެވެ. ކޮންޑިޝަނާ ކުރުމުގެ މާބޮޑު ބޭނުމެއް ނޯންނާނެއެވެ، މިހާރު އިސްތަށިގަނޑަށް ތާޒާކަމާއި ދިރުމާއި ދިހުމެއް ގެނެސްދޭނެކަން ގައިމެވެ. ހަނޑޫފެނުގައި ހުރި ނުބައި ވަސް ހަނދާނެއް ނުހުންނާނެކަން ގައިމެވެ.
ރީތި ހިނިތުންވެލުމަކަށް އޮފް ހުދު ނަލަ ދަތްޕިލައެއްގެ ދައުރު ވަރަށް މުހިންމެވެ. ފިޔައާއި ލޮނުމެދު ބޭނުންކޮށްގެން ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް ބޭހެއް ތައްޔާރުކުރެވިދާނެއެވެ. ފިޔާގައި ހިމެނޭ ސަލްފާ ކޮމްޕައުންޑުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ދަތްތަކުގައި ދަމިލަ ޖެއްސުމަށް އެއްކުރެވޭ ޒައްރާތައް ނައްތާލައެވެ. ފިޔައާއި ލޮނުމެދު ޗޮޕްކޮށް އެތިކޮޅެއް ހެދުމަށްފަހު ގޭގައި ކުރިންވެސް ބޭނުން ކުރަމުން އަންނަ ދަތްއުނގުޅާ ބޭހާ އެއްކޮށްގެން ދަތް އުނގުޅުމުން، ދަތްތަކަށް އޮފްކަމަކާއި ސާފު ހުދު ކުލައެއް ގެނުވައެވެ. އެއަށްފަހު އަނގައިގެ ވަސް ރަނގަޅު ކުރުމަށް މީރުވަސް ދުވާ ސްޕްރޭއެއް ބޭނުން ކުރެވިދާނެއެވެ. އަދުގެ ތަރައްގީވެ ކުރިއަރަމުންދާ ތަހުޒީބު ޒަމާނީ ދުނިޔޭގައި ނުބައި، ކަމުނުދާ ވަހެއް ދުވަންޏާ މީރުވަހެއް ދުވާ ގޮތަށް ބޭނުންކުރެވޭނެ ސިއްހަތަށް ގެއްލުން ނުވާ ކިތަންމެ ބާވަތްތަކެއް އެބަހުއްޓެވެ.
ފިޔާ ބޭނުންކޮށްގެން މޫނުގެ ހަންގަނޑަށް ދެވޭ ފަރުވާތައްވެސް މަދެއް ނޫނެވެ. ފިޔާގައި ހިމެނޭ ވިޓަމިން އޭ، އީ އަދި ސީގެ އިތުރުން އެންޓިއޮކްސިޑެންޓްސް އާއި ސަލްފާގެ ސަބަބުން ހަމަށް ތާޒާކަމާއި އުޖާލާކަން ގެނެސް، ކުދި ރޫ ޖެހުމާއި ހަންގަނޑު ދޫވުން ކަހަލަ ކަންތަކުން ރައްކާތެރިކޮށްދެއެވެ. އެއްބިހުގެ ގޮބޮޅިއާއި ސައިސަމުސަލެއްގެ ޒައިތޫނިތެލަށް ދެ ފިޔައިގެ ދިޔައާއި ދެ ސައިސަމުސާ ކިއުކަމްބާ ދިޔަ އެއްކުރުމަށްފަހު 15 މިނެޓު ވަންދެން މޫނުގައި މާސްކު އެޅުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. އަސްތާ! މޫނަށް އެ އަންނަ ތާޒާކަމާއި ރީތިކަން ފިޔާގައި ޒަވި ވަސް ވެސް ކަމުދާ ވަހަކަށް ވާހައި ނަލަވެފައި ފުރިހަމައެވެ. ދެން ފަހަރަކުން އޯޓްމީލް މާސްކެއް ތަޖުރިބާކޮށްލާށެވެ. ރަނގަޅަށް ފެނު ކައްކާފައި ހުރި ޖޯޑެއްގެ އޯޓްމީލް، ހެޔޮވަރުގެ ފިޔައަކާއެކު މިކްސްޗަރުގައި އެއްކޮށްލުމަށްފަހު މާސްކު އަޅާށެވެ. ބޭނުމިއްޔާ މާސްކު ތަންކޮޅެއް ބޯ ގަދަފަދަކޮށްލުމަށް މާމުއިވެސް އެއްކުރެވިދާނެއެވެ. ދިހަ މިނެޓަށްފަހު ތާފަނާ ފެނުން މޫނު ސާފުކޮށްލާށެވެ. މޮއިސްޗަރައިޒާއެއް ބޭނުންކުރުމަށް ހަނދާން ނައްތައިނުލާށެވެ. މި މާސްކު ބޭނުންކުރުމަށްފަހު ލޯގަނޑުން މޫނު ބަލައިލުމުން ފިޔާ ވަހާވެސް ރުހެވޭނެކަން ގައިމެވެ.
ތާޒާ ފިޔައެއްގެ ދިޔައިން ޖޫސް ތައްޔާރުކުރުމަށްފަހު އެ ޖޫސް ހަފުތާއަކު ދެ ފަހަރު ނޫނީ ތިން ފަހަރު ބުއިމުން ހަށިގަނޑުން އަންދާލާ ކެލޮރީސްގެ މިންވަރު ގަބޫލުކުރަންވެސް ދަތިވާހާ ގިނައެވެ. އިތުރު އެއްވެސް އެއްޗެއް އެއް ކުރުމަކާ ނުލައި، ހަމައެކަނި ފިޔައަކާއި ފެން ބޭނުންކޮށްގެން ހިކުމަށް ރަނގަޅު ބުއިމެއް ތައްޔާރުކުރެވިދާނެއެވެ. ފިޔާގައި ހިމެނޭ ކުރުސެޓިން (quercetin) ހަށިގަނޑުގައި އިތުރުވަމުންދާ ކޮލެސްޓްރޯލާއި ފެޓްސްގެ މިންވަރު ދަށްކުރުވައެވެ. އަދި ލޭގެ މައްސަލަތަކާއި ހިތުގެ މައްސަލަތައް ކަހަލަ ކޮލެސްޓްރޯލާއި ފަލަވުމުގެ ސަބަބުން ޖެހޭ މައްސަލަތަކަށް ހައްލެއް ގެނެސްދެއެވެ.
ކިތަންމެ ވަހާއި ރަހަ ނުބައި ވިޔަސް އޭގެ ފައިދާ މިވަރު ކަމަށް ވާނަމަ، އެވަހާއި ރަހަވެސް ކަމުދާން ފަށާނެކަން ޔަގީނެވެ. ސަބަބަކީ އެއްޗެއްގެ ހާއްސަކަމާއި މުހިންމުކަމަކީ އެ އެއްޗެއްގެ ސިފައާއި ވައްޓަފާޅިއެއް ނޫނެވެ. އެކަމަކު އެ އެއްޗަކުން ލިބޭ ފައިދާއާއި ހިފޭ ބޭނުމަކީ އެއްޗެއް ހާއްސަވެ މުހިންމުވާ ސަބަބެވެ. އެހެނީ ކޮންމެ ކަމެއްގެވެސް ކޮންމެ އެއްޗެއްގެވެސް ބޭނުމަކީ ހިތްހަމަޖެހުން ކަމަށްވާތީއެވެ.