ކުޅިވަރު

ފަހު ސިކުންތުގައި ގޯލު ޖަހައި، ޔުނައިޓެޑް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ ފަހު ސިކުންތުގައި މާކަސް ރަޝްފޯޑު ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ވެސްޓްހަމްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ފެނުނީ ފަހު ސިކުންތުގައެވެ. އެ ގޯލާއެކު މެޗުން ތިން ޕޮއިންޓް ހޯދައި، ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ މިހާތަނަށް ކުޅުނު 22 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ޕްރިމިއާ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ޗެލްސީއަށް 23 މެޗުން 44 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި ލިވަޕޫލް، 21 މެޗުން 45 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 22 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

މެޗަށް ނުކުތް އިރު، ހަތަރުވަނައިގައި އޮތް ވެސްޓްހަމް އަށް 23 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ވެސްޓްހަމް ފުލުގައި ވިއްދާފައި ހަވަނައިގައި އޮތް ޓޮޓެންހަމްއަށް 19 މެޗުން 36 ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމަށް މެޗު ހަމަކޮށް ގަދަ ހަތަރަކަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. މެޗުގެ ކުރިން ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާގައި ހުރި ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ 11 އިން އޭނާ ފެނިފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވުނު އިރު، ބޮޑަށް ފޯރި ގަދަކޮށް ފެނުނީ ފަހު ހާފެވެ. ދެ ކޮޅަށްވެސް ހަމަލާތައް އުފައްދަމުން ދިޔަ އިރު، މެދު ތެރެއިން މެޗުގެ ކޮންޓްރޯލް ހޯދުމަށް ދެޓީމުންވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑުން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑު ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު މަތަކުރި އިރު، އަނެއްކޮޅުން ބޮވެންގެ ހަމަލާވެސް ގޯލަށް ވައްދައި ނުލީ ކިރިޔާއެވެ.

ޔުނައިޓެޑުން އިތުރު ވަގުތުގައި މެޗުގެ ލީޑު ނެގީ މެދު ތެރެއިން ހޯދި ބޯޅައެއް އަރިމަތިން ހުސްވެ، އެޑިސަން ކަވާނީ ނަގައިދިން ބޯޅައިންނެވެ. އެ ބޯޅަ ހުސް ގޯލަކަށް ފަސޭހަކަމާއެކު ފޮނުވައިލީ ރަޝްފޯޑެވެ. މުހިއްމު މޮޅަކާއެކު މުޅި ޓީމުން އުފާފާޅުކޮށް، ސަޕޯޓަރުން ގުގުމާލިއެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޓޮން ވިލާއިން 1-0 އެވަޓަން ބަލިކުރި އިރު، ނިއުކާސަލްއިން ކުޅުނު މެޗުގައި 1-0 އިން ލީޑްސް ބަލިކޮށްފައިވެއެވެ.