އެމެރިކާ ސިފައިން އަފްގާނިސްތާނަށް ދޫކޮށްލި, ބައެއް ހަތިޔާރު ކަޝްމީރުގެ ޓެރަރިސްޓު ގުރޫޕުތަކަށް ލިބި، އެތަކެތި ބޭނުންކުރަން ފަށައިފިއެވެ.
ކަޝްމީރުގައި ހަރަކާތްތެރިވާ ޕީޕަލްސް އެންޓި ފެސިސްޓް ފްރަންޓް (ޕީއޭއެފްއެފް) އިން މިފަހުން ވަނީ, އެ ޖަމާއަތުގެ ހަނގުރާމަވެރިން އެމެރިކާ އިން ތައްޔާރުކުރާ ރައިފަލްއާއި ފިސްތޯލު ހިފައިގެން އުޅޭ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯގައި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމް249 އޮޓޯމެޓިކް ރައިފަލްސް 509 ޓެކްޓިކަލް ބަޑިއާއި އެމް1911 ފިސްތޯލަ އަދި އެމް4 ކާބައިން ރައިފަލްސް ގެންގުޅޭތަން ފެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން, އެ ހަތިޔާރުތަކަކީ ތާލިބާނުން އެ ޖަމާއަތަށް ވިއްކާފައިވާ ހަތިޔާރެވެ. އަދި ޕާކިސްތާނުގައި ހަރަކާތްތެރިވާ އެހެން ޓެރަރިސްޓު ޖަމާއަތްތަކުންވެސް ތާލިބާނު އަތުން ހަތިޔާރު ގަނެ, އެ އެއްޗެހި ބޯޑަރު ހުރަސްކޮށް ކަޝްމީރަށް އެތެރެކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ހަތިޔާރުތައް ކަޝްމީރުގެ ޓެރަރިސްޓުންގެ އަތަށް އަރާފައިވާ އިރު, އިންޑިއާގެ ސަލާމަތީ ފައުޖުތަކުން ޖަންމު އަދި ކަޝްމީރުގައި މިފަހުން ހިންގި އޮޕަރޭޝަނެއްގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ހަ ޓެރަރިސްޓުން ވަނީ މަރާލައިފައެވެ. އެ އެންމެންވެސް ހިފައިގެން އުޅުނީ އެމެރިކާއިން އުފައްދާ އެމް4 ކާބައިން ރައިފަލްސްއެވެ.