ޚަބަރު

އަޅުގަނޑު ހިޔާރު ކުރީ އެމްޑަބްލިއުއެސްސީ، އެމްޓީސީސީއާ ހަވާލުވީ ރައީސް އެދިވަޑައިގަންނަވައިގެން: އާޒިމް

އިބްރާހިމް ޒަކީ

ސަރުކާރުން ހުށަހެޅުއްވި ފުރުސަތު ތަކުގެ ތެރެއިން، ބޭނުންވެވަޑައިގަތީ އެމްޑަބްލިއުއެސްސީ ގައި މަސައްކަތް ކުރައްވަން ކަމަށާއި، އެމްޓީސީއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމަކަށް ކަމަށް، އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކުންފުނިތަކާ ހަވާލު ވުމަަށް އޭނާއަށް އޮޕްޝަންތަކެއް ދިން ކަމަށެވެ. ބޭނުންވީ އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރައްވަން ކަމަށާއި، އެގޮތުގެ މަތިން އެ ކުންފުނީގެ މެނެޖިންގ ޑީރެކްޓަރު (އެމްޑީ)ގެ މަގާމު ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އޮޕްޝަންތަކެެއް ލިބުނު ޗޫސްކުރީ އެމްޑަބްލިޔުއެސްސީ، އެއީ އެނގޭ ތަނަކަށް ވެފައި ތަންކޮޅެއް ރިލެކްސް ވާނެ ކަމަށް، އެއީ އެތަން ޖެހޭނީ ސިސްޓަމެޓިކް ކޮށްލަން، އެކަން ފަސޭހަ ވާނެ. މެނޭޖްމެންޓް ދާއިރާގެ އެކްސް ޕީރިއަންސް އަޅުގަނޑުގެ ހުރުމާއެކު،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ 30 ވަރަކަށް އަހަށް އަހަރު ކުންފުނިތަކުގެ ވަޒާީތާތަކުގައި އޭނާ މަސައްކަތް ކުރެއްވީ ވަރަށް ބުރަކޮށް ކަމަށާއި، އަބަދުވެސް ބެއްލެވީ އެތަނެއްގައި ހުންނަ އެންމެ ގިނަ މަސައްކަތް ކުރާ މީހާގެ ގޮތުގައި ވާން ކަމަށެވެ. ހާއްސަކޮށް ސީނިއަރުކޮށް މަސައްކަތް ކުރާއިރު އެގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އޭރުން އެހެން މީހުންނަށް އެކަމަށް ހިތްވަރު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ އެމްޑީކަމުގެ މަގާމު ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު އާޒިމް އެމްޓީސީސީއަށް ބަދަލު ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އޭނާ އެމްޓީސީސީއަށް ބަދަލުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވައިގެން ކަމަށެވެ.

"ރައީސް ބޭނުންފުޅުވީ އަޅުގަނޑު އެމްޓީސީސީއަށް ބަދަލުކުރައްވަން، ރައީސް އަޅުގަނޑާ ބައްދަލު ކުރައްވާފަ ވިދާޅުވި ތިމަން މަނިކުފާނުގެ ވައުދުފުޅުތަކުގެ 70 ޕަސެންޓަށް ވުރެ ގިނައިން ހުރީ އެމްޓީސީސީގައޭ އެހެންވީމަ މި މަސައްކަތްތައް ވީހާވެސް އަވަހަށް ކޮލިޓީކޮށް ނިންމަވައި، އަދި ރަށްރަށުގެ ރައްޔިތުންނާ ކައުންސިލްތަކާ ސަރުކާރާ ގުޅިގެން މަސައްކަތްތައް ވީހާވެސް ބާރަށް ގެންދެވުމަކީ ތިމަންމަނިކުފާނު އެދިވަޑައިގަންނަވާ ކަމެކޭ، އެހެންވީމަ ތިމަން މަނިކުފާނު އެދިވަޑައިގަންނަވަމޭ އާދަން އަރިހުން އެކަން ކުރަން، ދެން އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވަރު އިތުބާރެއް ކުރައްވާފަ މަސައްކަތެއް ހަވާލު ކުރެއްވީމަ އަޅުގަނޑަކަށް ނިދާކަށް ނޯވެވޭނެއޭ،" އާޒިމް ވިދާޅުވިއެވެ.

އެހިސާބުން ފެށިގެން ކުރިން މަސައްކަތް ކުރެއްވި ގޮތަށް ބުރަކޮށް މަސައްކަތް ފެއްޓެވީކަމަށް ވެސް ވިދާޅުވިއެވެ.

ސާޅީސް އަހަރު ވެފައިވާ އެމްޓީސީސީން، ވޭތުވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، އެކަމާބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ރަނގަޅު ވޯކު ފޯހެއް (ރަނގަޅަށް މަސައްކަތްކުރާ ބަޔަކު) އުފެއްދުމަކީ ކޮންމެ ތަނަކަށްވެސް ކާމިޔާބު ހާސިލުވެގެންދާނެ ކަމެއް ކަމަށެވެ.

"ފުރަތަމަވެސް ކުރަން ޖެހޭނެ ކަމަކީ ރަނގަޅު ޑިސިޕްލިން ވޯކް ފޯސް އެއް އުފެއްދުން، އަސްލު ހުރިހާ އެންމެންނަކީވެސް ވަރަށް ރަނގަޅު މީހުން، އަޅުގަނޑުމެން ޖެހޭނީ މަގުދައްކާފަ އެންމެން އެގޮތަށް ހިނގަން. އަދި އެއްވެސް މީހަކީ ބާކީ ވެފަހުރި މީހެއްގެ އިހުސާސް ކުންފުނިތެރޭގަ ވެގެން ނުވާނެ، އެންމެންނަކީ އެއްކޮށް މަސައްކަތްކުރާ ބަޔަކަށްވާން ޖެހޭނެ، އެންމެ އިސްކޮށް ހުންނަ މީހާ ޖެހޭނެ ހިތްވަރުލައި މަސައްކަތް ކުރަން، އެމީހާ ވާން ޖެހޭނެ ގަޑިތަކަށް އަންނަ ގަޑިތަކަށް ފަރުވާތެރިވާ މީހަކަށް، ބުނާ ބަހުގަ އިތުބާރު ހިފެހެއްޓޭ، އިތުބާރު ކުރެވޭ މީހަކަށް ވާން، އަދި އެންމެން އެއްކޮށް ނަގާ ޑިޒިޝަނެއް އަމިއްލައަށް ބަދަލުކޮށްގެންވެސް ނުވާނެ. އެކަން ނުހިނގަންޏާ ބަދަލު ކުރަން ޖެހޭނީ އެންމެން އެއްކޮށް ތިބެގެން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވި ތިން ކުންފުނީގެ މުވައްޒަފުންނަށް ވެސް ގަޑިއަށް އަންނަންޖެހޭކަން އެނގޭނެ ކަމަށާއި، އެއީ ކޮމްޕްރޮމައިޒް ކުރާނެ ކަމެއް ނޫންކަމަށެވެ.

"އަޅުގަނޑުގެ 30 ވަރަކަށް އަހަރު ދުވަހުގެ މެނޭޖްމެންޓް އެކްސްޕީރިއަންސްގައި އާއްމުކޮށް ވާގޮތަކީ އަޅުގަނޑުމެން ޖޫނިއާކޮށް ތިބިއިރު ފާހަގަ ކުރެވޭ އަޅުގަނޑުމެން އޮފީހަށް އައިސް ތިބޭއިރު ވެރިމީހާގެ ބޮޑުކަމުން އިއްޒަތްތެރިކަމުން ގަޑިޔަށް އޮފީހަށް ނައިސްގެން މަސައްކަތް ނުކުރެވި އެބަ ގެއްލޭ ގަޑިއެއްހާއިރު، އަޅުގަނޑު އޭރުވެސް ހިތަށްއަރާ މީ ރަނގަޅު ގޮތެއް ނޫނޭ، އަޅުގަނޑަށް މިކަހަލަ މަގާމެއް ލިބުނު ދުވަހަކުން އަޅުގަނޑު ޔަގީން ކުރާނަމޭ އަޅުގަނޑުގެ ދަށުން މަސައްކަތްކުރާ މީހުން އައުމުގެ ކުރިން އަޅުގަނޑުމެން އޮފީހުގައި ތިބެން،" އާޒިމް ވިދާޅުވިއެވެ.

އެގޮތުގެމަތިން އެމްޓީސީސީއާ ހަވާލުވެވަޑައިގަތުމަށްފަހު ހެނދުނު 8:00 އަށް އެންމެން އޮފީހަށް އަންނަން ޖެހޭ ގޮތަށް ހެއްދެވި ކަމަށާއި، ކޮންމެ މުވައްޒަފަކުވެސް ހެނދުނު ތެދުވެގެން ގަޑިއަށް އޮފީހަށް އަންނަން ނިޔަތްގަތުމަށް އިރުޝާދު ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"އަބަދުވެސް ޕްރޮމޯޓު ކުރަން ހެނދުނު ތެދުވެެގެން ނިޔަތް ގަންނަން ޖެހޭނީ މަސައްކަތަށް އޮފީހަށް އަންނާށޭ، މަސައްކަތުގެ ހުރިހާ ގަޑިއެއްގައި ތިމަންނަ ކުރާނީ މަސައްކަތޭ، ހެނދު ތެދުވެގެން ނިޔަތްގަންނަން ޖެހޭނީ ސައިބޯން އަންނާކަށެއް ނޫނޭ، ކެފޭއަކަށް ނޫން މި އަންނަނީކީ، މި އަންނަނީ އޮފީހަށް މަސައްކަތްކުރަން އެ ވިސްނުމާއި ފިކުރު ކުންފުނިތެރެއަށް ގެނައިމަ ކަންތައްތައް ހަރުދަނާވެ ރަނގަޅު ވެގެންދަނީ، އެމީހަކު ނިޔަތްގަންނަ ކަމެއް ކުރެވޭނީ، އެމީހަކު ބޭނުން ކަމެއް ކުރެވޭނީ،"

މިބަދަލުތައް ގެނައިއިރު އުނދަގޫތައް ދިމާވިކަމަށާއި، މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކާވެސް ކުރިމަތިވެވަޑައިގެންނެވި ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތްކަމަށް މިހާރު މުވައްޒަފުން ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަޅުގަނޑުމެން މިތަނުން ދާއިރުވެސް އަޅުގަނޑުމެނަށްވުރެން މާމޮޅު މާ ޑިިސިޕްލިން އަދި އަޅުގަނޑުމެނަށްވުރެން މާ ބޮޑަށް ގައުމަށް ހިދުމަތްކުރާ ހިތްވާ ބަޔަކު އުފެއްދުމަށް،" ކަމަށް އާޒިމް ވިދާޅުވިއެވެ.