ޚަބަރު

ރައީސް ޔާމީން، ސަރުކާރަށް: "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނުދެއްކޭނެ!

މުހައްމަދު އިޝާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓާލަން ޖެހޭ ސަބަބެއް ސަރުކާރަށް ނުދެއްކޭނެ ކަމަށް އެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަށް މިއަދު ރ. ދުވާފަރަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ ރައްޔިތުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލަ އޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ކަމަށެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިންނަށް މަރުހަބާ ނުކިޔާނެ ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެނބުރި ދިއުން ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަށް މީގެ ކުރިން ށ. ފުނަދުއަށް ވަޑައިގެން ރައީސް ޔާމީން ވަނީ ގެތަކުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފާޑު ވިދާޅުވެފައިވުމުން އެކަމަށް ރައްދުދެއްވައި، ރައީސް ޔާމީން މިއަދު ވިދާޅުވީ، ގެތަކުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުމަކީ ދައުލަތާ ބެހެވޭނެ ކަމެއް ނޫން ކަމަށާއި ދައުލަތާ ނުބެހެވޭނީ އެއީ ސަރުކާރުގެ އޮފީސްތަކުގެ ބަދަލުގައި އަމިއްލަ މީހުންގެ ގެތަކަށްވުމުން ކަމަށެވެ.

ރައީސް ޔާމީން މިއަދު ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ލީޑުކުރައްވާ އެ ކެމްޕޭނު ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނުދެއްކޭނެ ކަމަށެވެ. މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ސަރުކާރުން ދެކޮޅު ހަދާތީ އެކަމަށް ރައްދުދެއްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝީދު (ރާޑޯ)ގެ ކެމްޕޭނަށް މިމަހުގެ އަށްވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ މަސްތުވާތަކެއްޗާ ގުޅުވައިފައެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖެ އެތެރެވާ ގިނަ އަދަދެެއްގެ ޑުރަގް އަތުލައިގަތުމުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާތީ، އެކަން ހުއްޓުވުމުގެ ނިޔަތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެކަމާ ރުޅި އައިސްގެން ބަޔަކު އުޅޭ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު އެ ޖަލްސާގައި ވިދާޅުވެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުން އެކި ގޮތްގޮތުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިބައިވުމާއި ނަފްރަތު އުފެދޭ އަދި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫ ނާރުވަން ގޮވާލައްވައިފައެވެ.

މީގެ އިތުރުން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އަބަދުވެސް އިންޑިއާއަށް ބަރޯސާވެވޭނެ ކަމަށާއި ގައުމުތަކާ ޖެހިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅު ހަދަނީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އިންޑިއާއިން އެހީވެދިނުމުން އެކަމުގެ ބަދަލު އަދާކުރަން ކަމަށެވެ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅު ހައްދަވާ މިނިސްޓަރުންނަކީ ގައްދާރުން ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އަންނަން ހިފި އަތަކީ ޝައިތާނެއްގެ އަތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ޝައިތާނާ ނިސްބަތްކުރެއްވީ އިންޑިއާއަށެވެ.

ރާއްޖެއަކީ އިސްތިއުމާރީ ބާރުތަކުން އަބަދުވެސް ފާރަލާ ތަނެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެންމެ ގިނައިން ރާއްޖެ އިސްތިއުމާރުކުރަން މަސައްކަތްކުރީ އިންޑިއާގެ އައްސޭރިފަށުން އަންނަ ބަޔަކު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދަން މިހާރު އިންޑިއާއަށް އެހީވަނީ މި ސަރުކާރުން ކަމަށެވެ.

"އިންޑިއާ އައުޓް" އެންމެ ފުރަތަމަ މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަންވުމާއެކު ވަނީ "އިންޑިއާ އައުޓް" ކެމްޕޭނު އަތޮޅުތެރޭގައި ފުޅާކުރަން ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ކެމްޕޭނު ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫގައެވެ.

އެ ފަހުން ވަނީ ރައީސް ޔާމީނުގެ ބައިވެރިވުމާއެކު ރާއްޖޭގެ އެކި އަތޮޅުތަކުގައި އެ ކެމްޕޭނު ކުރިއަށް ގެންގޮސްފައެވެ. މިއިން ކޮންމެ ކެމްޕޭނެއްގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅުދައްކަވައިފައެވެ. އަދި މި ސަރުކާރުން އިންޑިއާ އާއެކު ބާއްވާ ގާތް ގުޅުމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ބައިވެރިވުމާއެކު އެންމެ ފަހުން "އިންޑިއާ އައުޓް" ކެމްޕޭނު ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅުގެ ރަށްތަކުގައެވެ.