ޚަބަރު

އަންނަ މަހުން ފެށިގެން ކަރަންޓީން ނުވެ ތައިލޭންޑަށް ދެވޭނެ

މުހައްމަދު ޖަމްޝަތް ވަހީދު

އަންނަ މަހުން ފެށިގެން ޓޫރިސްޓު ވިސާގައި ތައިލެންޑަށް ދާ މީހުންނަށް ކަރަންޓީނު ނުވެ، އެ ގައުމަށް އެތެރެވެވޭނެ ކަން އިއުލާނުކޮށްފިއެވެ.

އެކަން އިއުލާންކުރި ނަމަވެސް ކަރަންޓީނު ނުވެ ތައިލޭންޑަށް އެތެރެވެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ. ތައިލެންޑުގެ "ޓެސްޓް އެންޑް ގޯ" ޕްރޮގްރާމުގެ ދަށުން އެގައުމަށް ދާ މީހުން ކަރަންޓީން ވާން ނުޖެހުނަސް ދެ ފަހަރަށް ޕީސީއާރު ހަދަން ޖެހޭނެއެވެ. އެއީ ގައުމަށް އެތެރެވާ އިރު އެއާޕޯޓުން ހަދަންޖެހޭ ޕީސީއާރަކާއި އޭގެ ފަސް ދުވަސް ފަހުން ހަދަންޖެހޭ ޕީސީއާރު ޓެސްޓެކެވެ.

އަންނަ މަހުން ފެށިގެން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ތައިލޭންޑުން ލުއި ދިނީ ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޯނާ ގުޅިގެން، ފާއިތުވި ޑިސެމްބަރު މަހުން ފެށިގެން އެ ގައުމަށް ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހުއެވެ. ތައިލޭންޑުގެ ކޮވިޑް ކޭސްތައް މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް އެގައުމުން ބުނެއެވެ.

ތައިލެންޑުން މި ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ހީނަރުވެފައި އޮތް އެ ގައުމުގެ ޓޫރިޒަމް ދައިރާ އަނެއްކާވެސް ކޮޅަށް ޖެހުމުގެ މަގުސަދުގައެވެ. ފާއިތުވި އަހަރު އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލު އެއް މަންޒިލަކީވެސް ތައިލޭންޑެވެ. ޓޫރިޒަމް ދަށްވިޔަ ނުދިނުމަށް ފާއިތުވި ދެ އަހަރުތެރޭގައި ތައިލޭންޑުން ވަނީ އެގައުމަށް ޒިޔާރަތް ކުރާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލު އެކި ގޮތްގޮތަށް ބަދަލު ގެނެސްފައެވެ.