އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު، ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ.

އެސްޓީއޯއަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއް ދެން ވިއްކާނީ 12.44 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.06 ރުފިޔާއަށެވެ. މިހާރު އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަނީ 11.84 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 11.16 ރުފިޔާއަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެފަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެސްޓީއޯ އިން ވެސް ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފައެވެ.