އިނގިރޭސި ލީގު ކަޕްގެ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކޮށް، ލިވަޕޫލުން ހަ އަހަރަށްފަހު ވެމްބްލީ ފައިނަލަކުން ފުރުސަތު ހޯދައިފިއެވެ.

މީގެ ހަފުތާއެއް ކުރިން ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުގައި އާސެނަލްގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައި އޮއްވާވެސް ލިވަޕޫލަށް ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހުނީ 0-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ދެޓީމުވެސް ނުކުތީ ނަތީޖާއަކަށެވެ. ހާއްސަކޮށް ލިވަޕޫލް ނުކުތީ ފުރަތަމަ ލެގުގެ މާޔޫސްކަން ފިލުވައިލުމަށެވެ.

އެ އަޒުމުގައި ނުކުމެ ރޭ އާސެނަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ މެޗުން ލިވަޕޫލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން ފައިނަލުގައި ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ރޭގެ މެޗަށްވެސް ލިވަޕޫލުން ނުކުތީ އެޓީމުގެ މުހިއްމު ދެ ފޯވަޑުން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭވެސް ނުލައެވެ. އެ ދެކުޅުންތެރިންވެސް އެފްކޮންގައި ގައުމު ތަމްސީލު ކުރަމުން އަންނަ އިރު، ރޭގެ މެޗުގައި ތަފާތު ދެއްކީ ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއެވެ. ޖޮޓާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިދީފައެވެ.

މެޗު ވަރުގަދަކޮށް ފަށައި، ލީޑު ނެގުމާ ގާތަށް ފުރަތަމަ ޖެހިލީ އާސެނަލްއިންނެވެ. އެލެކްސެންޑްރާ ލަކަޒެޓްގެ ހިލޭ ޖެހުމަށް ގޯލުގެ ދަނޑިއަށް އަމާޒުވި ތަންވެސް ފެނިގެން ދިޔައެވެ. އުންމީދުގައި އާސެނަލްއިން މެޗު ފެށި ނަމަވެސް މެޗުގެ 19 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. އެލެކްސެންޑްރާ އާނޯލްޑުގެ ބޯޅަ ޖޮޓާ ގޯލަށް ފޮނުވާލުމުން ގޯލަށް ވަނީ ރަނގަޅަށް ފައިގައި ލައްވައިނުލައި ބޯޅައިގެ މިސްރާބު ބަދަލުވެ އާސެނަލްގެ ގޯލްކީޕަރު އެރޮން ރެމްސްޑޭލްއަށް އޮޅިގެންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ލަކަޒެޓް އަތުން ރަނުގެ ފުރުސަތެއް ބޭކާރު ވެގެން ދިޔައެވެ. މުޅިން ހުސްކޮށް އޮވެ އޭނާ ފޮނުވާލި ބޯޅަ ގޯލުގެ މަތިން ދިޔަ އިރު، އެ ފުރުސަތު ގެއްލުވައިލުމުގެ ފައިދާ އަނެއްކޮޅުން ލިވަޕޫލް ނެގިއެވެ. އަނެއްކާވެސް އާނޯލްޑްގެ ހިތްގައިމު ޕާހަކުން ޖޮޓާ ޖެހި ގޯލެކެވެ. އާނޯލްޑުގެ ޕާސް ޖޮޓާ ގޯލަށް ވައްދާލީ ގޯލްކީޕަރު ރަމްސްޑޭލް ބޯމަތިން ބޯޅަ ގޯލަށް ވައްޓާލައިގެންނެވެ.

މެޗުގެ ފަހު މިނެޓަށް އާސެނަލްގެ ގާނާ މިޑްފީލްޑަރު ތޯމާސް ޕާޓޭ މެޗަށް ނުކުމެފައިވެއެވެ. ގާނާ އެފްކޮންއިން ކެޓުމުން އެނބުރި ގައުމަށް ނުގޮސް ކެމަރޫނުން ޕާޓޭ އާސެނަލްއަށް ދިޔަ އިރު، ރޭގެ މެޗަށް ނުކުމެ ކުޑައިރުކޮޅެއްގެ ތެރޭގައި ކުރި ފައުލަކަށް ރެފްރީ ވަނީ ޕާޓޭއަށް ރަތް ކާޑު ދައްކައިފއެވެ.