ޚަބަރު

ޔާމީންގެ މަރުގެ ރިޕޯޓު އާންމުކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

މުހައްމަދު އިޝާން

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓު އާންމުކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން މިއަދު ބުނީ، މީގެ ފަސް އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީންގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތް ނިމި ހުކުމްކުރުމުން ތަހުގީގުކުރުމާއި ދައުވާކުރުމުގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުރި މައްސަލަތައް ހާމަވެފައިވާ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ، ޔާމީންގެ މަރުގެ ޝަރީއަތުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ފެންމަތިވި ކަމަށެވެ. އެގޮތުން ތަހުގީގުކުރުމުގެ އިޖުރާއާތުގައި ފުލުހުންނާއި ދައުވާކުރުމުގައި ޕީޖީން ކަންކުރި ގޮތުން ޝަރީއަތް ދިގުލައިގެން ދިޔަ ކަމަށެވެ.

ޓްރާންސްޕޭރެންސީ އޮންނާނީ ޔާމީނުގެ އާއިލާއާއި އެކުވެރިންނާ އެކީގައި ކަމަށާއި އާއިލާއިން ގޮވާލާފައިވާ ފަދައިން ޔާމީން މަރަން ފަންޑުކުރި ފަރާތްތަކާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގައި، އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ގޮވާލާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ޖަވާބުދާރީވުމެއް ނެތުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތްކުރުމަށާއި، މަރު ކޮމިޝަނުން ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު އާންމުކުރުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައިފައެވެ.

ޔާމީނުގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. އެ މައްސަލައިގައި ހަ މީހަކަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްއެވެ. އެ ދެ މީހުން 25 އަހަރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އިރު، ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވެސް ވަނީ ހުކުމްކޮށްފައެވެ.

ދެން ދައުވާކުރި ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ އެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވުމުންނާއި ހެކިވެރިން ހެކިބަސް ދިނުމުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުންނެވެ.

އެ މައްސަލައިގައި ހުކުމް ކުރެއްވި ގާޒީ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުލުހުންގެ ފަރާތުން ހެކިބަސް ދިން އޮފިސަރެއްގެ ހެކިބަހާއި އައިޖީއެމްއެޗްގެ މެޑިކޯ ލީގަލް ރެކޯޑުތަކާ ފުށުއެރުން ހިމެނެއެވެ. އަދި ފުލުހުން ތައްޔާރުކުރި ވީޑިއޯ އަދި ފޮޓޯ ތަހުލީލު ރިޕޯޓު ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިނީ އެކަށީގެންވާ މިންވަރަށް ތައްޔާރުނުވެ ކަމަށް ވެސް ފާހަގަކުރެެއްވިއެވެ. މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވިކަމަށް ވެސް ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައިވެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މީހުންގެ މައްސަލަ އިސްތިއުނާފު ކުރުން ނިންމާފައިވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިން ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.