ފޮތްތަކުގައި ހުންނަ ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބަލަން، ދީނީ އިލްމުވެރިންތަކެއް ހިމެނޭ ކޮމިޓީއެއް އިސްލާމިކް މިނިސްޓްރީން އުފައްދައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ކޮމިޓީގެ މަގުސަދަކަށް ވާނީ ރާއްޖޭގައި ޗާޕުކުރާ ފޮތްތަކުގައި ލިޔެފައި ހުންނަ ގުރުއާނުގެ އާޔަތްތަކުގައި ކުށެއް ހުރިނަމަ އެކަމެއް ހައްލުން ކުރުން ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވަނީ އެ ކޮމިޓއާ ބައްދަލުކުރައްވައިފައެވެ. އެ ކޮމިޓޫގެ ޗެއާކަން ކުރައްވަނީ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފެވެ. ޑރ. އިޔާޒުގެ އިތުރުން ހަ މެމްބަރަކު އެ ކޮމިޓީގައި ތިއްބަވައެވެ. އެއީ މުހައްމަދު ލަތީފާއި ނަސްރުﷲ އަލީ އާއި އިބްރާހީމް ރަޝީދު ހަސަން އާއި އަހުމަދު ޝަފީގް އާއި އަލީ ނަޖީބުގެ އިތުރުން އަބްދުﷲ މަސްއޫދެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ގުރުއާން ހިތުދަސް އިލްމުވެރިންނެވެ.
ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބަލަން ކޮމިޓީއެއް އުފައްދާފައި މިވަނީ މިދިޔަ އަހަރު ސްކޫލް ކުދިންގެ ގުރުއާނާއި އިސްލާމް ފޮތުގައި ގުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެފައިވާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އެއީ ގުރޭޑް 1 ގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައަކާއި ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލައެއް ހުރުމުންނެވެ.
އެ މައްސަލަ ފެންމަތިވުމާއެކު ދަރިވަރުންގެ އަތުން އެފޮތްތައް އަތުލައި، ފޮތްތައް ރިވިއުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮމިޓީއެއް އުފައްދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު