ޚަބަރު

ފިލާވަޅު ދޭހަވުމުގައި ޓީޗަރުގެ މޫނުގެ އިޝާރާތާއި ނޮންވާބަލް ބިހޭވިއާ ފެނުން ލާޒިމު: މިނިސްޓްރީ

މުހައްމަދު ޖަމްޝަތް ވަހީދު

1

ދަރިވަރުންނަށް ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުންގެ މޫނުގެ އިޝާރާތްތަކާއި ނަން-ވަރބަލް ބިހޭވިއަރ ފެނުން ލާޒިމުކަމަށާއި، މޫނުބުރުގާ އަޅާ ޓީޗަރުންގެ މޫނު ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންނަށް ފެންނަން ޖެހޭ ކަމަށް ނިންމާފައި އޮންނަނީ އެ ސަބަބުތަކާ ހެދި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މޫނުބުރުގާ އަޅާ ޓީޗަރުން ކިޔަވައިދޭގަޑިތަކުގައި ދަރިވަރުންނަށް މޫނު ދައްކަން ޖެހޭ ގޮތަށް މިނިސްޓްރީން ނިންމާފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ބައެއް ސްކޫލުތަކުން އެގޮތަށް އަމަލު ނުކުރާތީ 2021 ވަނަ އަހަރުގެ ދެވަނަ ޓާމް ކިޔެވުން ފެށުނު އިރު މޫނުބުރުގާ އަޅާ ޓީޗަރުންނަށް އެ އުސޫލަށް އަމަލުކުރަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. މިނިސްޓްރީން އެގޮތަށް އެންގުމުން ބައެއް ފަރާތްތަކުގެ ފާޑުކިއުން ސަރުކާރާއި މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ވެސް ސްކޫލްތަކުގެ އެކި މަގާމުތަކުގައި މޫނު ބުރުގާ އަޅައިގެން ތިބޭ މީހުން މަސައްކަތް ކުރާ ކަމަށާއި އެބޭފުޅުންނާއި މޫނު ބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ. މޫނު ބުރުގާ އަޅާ ބޭފުޅުންގެ ތެރެއިން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ އެގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށް ވުމާއި، ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށް ވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުންގެ މޫނުގެ އިޝާރާތްތަކާއި ނަންވަރބަލް ބިހޭވިއަރ ފެނުން ލާޒިމު ވިއަސް، މާސްކު އަޅަން މަޖުބޫރު ކޮށްފައިވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކަމަށެވެ. އަދި އެދެނީ މި ހާލަތުން އަވަހަށް އަރައިގަނެ މާސްކު ނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ހާލަތަކަށް ކަންކަން ރުޖޫއަވުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.