އެޑްވަޓޯރިއަލް

ރައްޔިތުންގެ ކުންފުނީގެ މާލިމީ އާޒިމްގެ ކާމިޔާބު 2 އަހަރު

1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ވުޖޫދަށް އައި ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުނި އެމްޓީސީސީއަކީ މިއަދާއި ހަމައަށް އައި އިރު، ތަފާތު އެކި ހަރުފަތްތައް ގިރާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެކެވެ.

ކުންފުނީގެ ދިގު ތާރީހަށް ބަލާލައި އިރު، މިއަދު މި ކުންފުނި ދަތުރުކޮށްފައިވާ ހިސާބަށް ގެނެސްދިނުމުގައި އިސްދައުރެއް އަދާކޮށްދިން އެކި ބޭފުޅުން އެބަތިއްބެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު ކުންފުންޏަށް 41 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވާ އިރު، 3000 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުންފުނި ހިންގުމުގެ މޭސްތިރިއަކަށް މިއަދު ހުންނެވީ ސީއީއޯ އާދަމް އާޒިމެވެ. މިއަދަކީ ކުންފުނީގެ ސީއީއޯގެ މަގާމުގައި އާޒިމް ހުންނަވާތާ ދެ އަހަރު ފުރޭ ފަހުރުވެރި ދުވަހެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެވުނު ހިސާބުން ފެށިގެން، އެމްޓިސީސީއަކީ ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައަޅައި، ހިކްމަތްތެރިކަމާއެކު ކޮށްދެއްވި މިންނަތް މަސައްކަތުން މިއަދު ކުންފުނި ވަނީ އެހެން ހަރުފަތަކަށް ގޮސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިފައެވެ. ކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުން މިކަން އިތުރަށް ޔަގީންވެ ކަށަވަރުވެގެން ދިޔައެވެ.

"މިއީ މިއަދު އެމްޓީސީސީއާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަގީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީން މިއަދު ވަނީ އިތުބާރާއިއެކު ޖާގަ ހޯދާފައި" - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވޭތުވެދިޔަ ދެ އަހަރަކީވެސް ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ ދެއަހަރު ކަމެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދުގެ ދުވެލި މަޑުވެ އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމެވެ. އެހެންނަމަވެސް ރައްޔިތުންނަށް އެމްޓީސީސީން ފޯރުކޮށްދެމުން އައި ހިދުމަތްތަކަށް ލޮޅުން އެރިޔަނުދީ، އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ. އުނދަގޫ އަދި ދަތި ދަނޑިވަޅެއްގައި ކުންފުންޏާ ހަވާލުވާން ޖެހުނު ނަމަވެސް، އެކަމާ ސީއީއޯ އާޒިމް ކުރިމަތިލެއްވީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައެވެ. ލޮބުވެތި ބައްޕާފުޅާއި ނިހާޔަތައް ގަދަރުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާއި ނަސޭހަތް ކަނުލައި އަޑު އަހައި ދިވެހި ރައްޔިތުންގެ ގައުމީ ހިދުމަތުގައި ކުރައްވަންޖެހުން ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް އަދާކުރުމުގެ ރޫހުގައެވެ. އިންސާނުންނަށް ކުރެވޭނީ ހެޔޮ ނިޔަތާއެކު މަސައްކަތެވެ. ކާމިޔާބީއާއި ފަލާހްދެއްވާނީ މާތް ރަސްކަލާނގެއެވެ.

އިރާދަކުރެއްވިއްޔާ ސީއީއޯ އާޒިމްގެ މަސައްކަތުގެ ނަތީޖާގައި މޭވާއަޅާ ދޮންވެ ފައްކާވެއްޖެއެވެ. ހިކި އަނަރޫފަވެފައިވާ ކުންފުންޏަށް އާރޯކަމާއި ބަހާރު މޫސުން އައިސް އުދަރެސްމަތި ރޯޝަންވެއްޖެއެވެ. މީގެ ކުރީ އަހަރުތަކުގެ ހިސާބުތަކަށް ބަލައިލާ އިރު، އެމްޓީސީސީއަށް އެއް ފަހާރާ ކުރިއަށް ގެންދެވެނީ 25 ވަރަކަށް ޕްރޮޖެކްޓެވެ. ނަމަވެސް ސީއީއޯ އާޒިމްގެ މާލިމީކަމުގައި މިހާރު އެމްޓީސީސީއަކީ އެއް ފަހާރާ މީގެ ދެގުނައަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްލައިފައެވެ. އަދި ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ކުންފުނީގެ ދުވެލިވެސް ވަނީ މިހާރު އެތަށް ދަރަޖައެއް އިތުރުވެފައެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ސީއީއޯ އާޒިމް އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ކާމިޔާބީގެ އަސްލަކީ އަހުލާގު ރަނގަޅު، މުރާލި، ވަގުތާއި މަސައްކަތަށް ފަރުވާތެރި އަދި ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަން ކުރެވުނު ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

"ދިވެހި ރައްޔިތުން ބަލައިގަންނަ ކުންފުނުޏަކަށް އެމްޓީސީސީ ހަދައިދިނީ މުވައްޒަފުން. ރައްޔިތުންގެ އަތްތިލަބަޑި ހައްޤުވަނީ އެ މުރާލި ހީވާގި އަތްތަކަށް. މިގޮތަށް މި ކުންފުނި ހިނގަމުން މިދަނީ އޮނިގަނޑަށް ހަރުދާނާ އުސޫލުތަކެއް އެކަށައެޅި ބަރާބަރަށް މޮނިޓަރ ކުރެވޭތީ. މީގެ ކުރިން މި ކުންފުންޏަށް ބަނދަރެއް ހެދެނީ ތިން އަހަރުން، އެ ސްޕީޑް މިހާރު މިވަނީ އެއް އަހަރަށް ބަދަލުކުރެވިފައި.. މަޝްރޫއެއް ނުހިނގާ އެންމެ އަތޮޅެއްވެސް އަދި ރަށެއްވެސް މިއަދު މި ރާއްޖޭގައި ނެތް،" އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީން 2020 ވަނަ އަހަރު 36 މަޝްރޫއެއއްގެ މަސައްކަތް ފުރިހަމަކޮށްފައިވާ އިރު، 2021 ވަނަ އަހަރު ނިމުނުއިރު 27 މަޝްރޫއެއްގެ މަސައްކަތް ނިންމައި 64 މަޝްރޫއެއްގެ އަމަލީ މަސައްކަތް ދަނީ ކުރެވެމުންނެވެ. ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއާޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން، އަދި މިހެންގޮސް ރާއްޖޭގެ ތަރައްގީއާއި މިއަދު އެމްޓީސީސީ ވަނީ ގުޅިލާމެހިފައެވެ. އަދަދުތަކުން ބަލައި ނަމަ ސީއީއޯ އާޒިމް ހިންގުމާކ،ނ. ހަވާލުވެ މިވޭތު ކުރި 2 އަހަރަކީ މުޅި ކުންފުނީގެ ހަޔާތުގައިވެސް ފާހަގަކޮށްލެވޭ ކުލަގަދަ އަދި ކާމިޔާބު 2 އަހަރެވެ. އެގޮތުން 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ ލިބުން އެއީ ސީއީއޯ އާޒިމްގެ ދުރުވިސްނުމާއި ކުންފުނީގެ މުޅި ޓީމަށް ދެއްވި އިރުޝާދުތަކުގެ ސަބަބުން ހާސިލުކުރެވުނު ކާމިޔާބީއެކެވެ. ހަމަމިއާއެކު އަދުގެ ސަރުކާރުން "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ހިންގުން އެމްޓީސީސީއާ ހަވާލުކޮށްފައިވުމުން، މިކުންފުންޏަށް ސަރުކާރުން އިތުބާރު ކުރާ މިންވަރު ސާބިތުކޮށްދެއެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއްނެތި، އެއްހަމަ ސިޔާސަތުތަކެއް ގެންގުޅުން ވެގެންދިޔައީ މުޅި ކުންފުނި އެކަތިގަނޑަކަށް ހަދައިދީ ގުޅިފައިވާ ބަދަހި ޓީމަކަށް ބަދަލުކޮށްދިން ކަމަކަށެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 2،225 ވަޒީފާގެ ފުރުސަތު އުފެދިގެން ގޮސްފައިވާ އިރު، މީގެ ތެރެއިން ދިވެހި ޒުވާނުންނަށް ވަނީ ހާއްސަ އިސްކަމެއް ދެވިފައެވެ. މިވަގުތު ކުންފުނީގައި 3,151 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އަދި މަސައްކަތުގެ މާހައުލަކީ ތަނަވަސް މާހައުލަކަށް ހަދައިދީ، ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ސީއީއޯ އާޒިމް ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވައިފައެވެ.

ސީއީއޯ އާޒިމް ގަބޫލުކުރައްވަނީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ރެއާއި ދުވާލު ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންކަމުގައެވެ. މިހެންކަމުން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކާއި ކިޔެވުމުގެ ފުރުސަތުތައް އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުކުރެވެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު 32 ތަމްރީން ޕްރޮގްރާމް ހިންގިފައިވާ އިރު، މި އަދަދު 2021 ވަނަ އަހަރު ނިމިގެންދިޔައިރު ވަނީ 129 އަށް އަރައިފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު 11 މުވައްޒަފުންނަށް ވަނީ ދެވިފައެވެ. އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާވެގެންދިޔަ މަންޒަރު ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ބޮޑުތަނުން ފެނިގެން ދިޔައެވެ. 2020 ވަނަ އަހަރު 41 ވަޒީފާގެ ފުރުސަތު އަންހެނުންނަށް ދެވިފައިވާ އިރު، 2021 ވަނަ އަހަރު މިއަދަދު ވަނީ 140 އަށް އަރައިފައެވެ. އެގޮތުން ލަންދޫގައި ބޭއްވުނު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އާދަމް އާޒިމް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނީގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. ސީއީއޯ އާޒިމް ގަބޫލުފުޅުކުރައްވާ ގޮތުގައި ގައުމެއް ކުރިއަރާނީ، ތަރައްގީ ވެފައިވާ އެހެން ގައުމުތައް ފަދައިން ރާއްޖޭގައިވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މަސައްކަތުގެ އެކި ދާއިރާތަކަށް ނުކުމެ، އެކުގައި މަސައްކަތްކޮށްގެންނެވެ.

ކުންފުނި ހިންގުމުގައި ސީއީއޯ އާޒިމް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެމްޓީސީސީގެ އަޑު މިއަދު ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް ވަނީ ގުގުމާލައިފައެވެ. ހިންގޭ ޕޮރްޖެކްޓްތަކުގެ އިތުރުން ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން 2021 ވަނަ އަހަރު އެކަނިވެސް 16.12 މިލިޔަން ރުފިޔާގެ، ޖުމުލަ 255 މަޝްރޫއެއް 55 ރަށުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައްޔިތުންގެ ކުންފުންޏަށް ހަގީގަތުގައިވެސް މި ދެއަހަރު ތެރޭގައި އެމްޓީސީސީ ވެގެންގޮއްސިއެވެ. މިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މާފުށި ބިންހިއްކައި ޕިކްނިކް އައިލަންޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިވަނީ ވަރަށް ބޮޑަށް ސީއީއޯ އާދަމް އާޒިމް އަދި އެމްޓީސީސީގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ.

"އެމްޓީސީސީ ދުވެލި މިހާރު ހުރި ގޮތުން އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި އެމްޓީސީސީއާއި ހަވާލުކޮށްފަ ހުރި މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތައް ނިންމައިދޭނެކަން. އެކަމަކަށްޓަކައި އަދިވެސް އެއްފަހަރު ޓީމް އެމްޓީސީސީއަށް އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކުންފުނީގެ އަޑު ރާއްޖެއިން ބޭރަށް ގެންދިއުމަކީ ސީއީއޯ އާޒިމްގެ އެންމެ ބޮޑު އެއް އަމާޒެވެ. ބޮޑެތި ބިޔަ މަޝްރޫއުތަކަށް މިސްރާބު ޖަހަން ކުންފުނި އޮތީ ތައްޔާރަށެވެ. އެހެންކަމުން ސީއީއޯ އާޒިމްގެ މާލިމީކަމުގައި ކުރިއަށް އޮތީ މުޅި ކުންފުންޏަށް އުޖާލާ ދުވަސްތަކެކެވެ. އެމްޓީސީސީގެ ދިގު ތާރީހުގައިވެސް ނިމިގެންދިޔަ ދެ އަހަރަކީ ތަފާތު ދެއްކި ނަތީޖާ ނެރެވުނު ދެއަހަރެވެ. ހިއްސާދާރުން، މުވައްޒަފުން، އަދި ދިވެހި އެންމެހާ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ދެއަހަރެވެ. އެމްޓީސީސީ އަކީ މިއަދު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭ ޖަޒީރާ ތަރައްގީގެ ބައިވެރިޔާއެވެ. ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އުދާސްތަކާއި ދަތިތައް ފިލުވައިދޭ އެކުވެރިޔާއެވެ. ހަމަ ޔަގީނުންވެސް އެމްޓީސީސީއަށް މަޝްރޫއެއް ހަވާލުކޮށްފިނަމަ އެމްޓީސީސީގެ ޓީމަށް މަރުހަބާ ކިޔުމަށް ރަށު ރައްޔިތުން މިހާރު ދަނީ އުފަލާއި ޖޯޝާއެކު ފަރިވަޅުތައް ހިފައިގެންނެއެވެ. އެމްޓީސީސީއަކީ ކާމިޔާބު ރައްޔިތުންގެ ކުންފުންޏަކަށް ހަދައިދެއްވިކަމަށްޓަކައި، ސީއީއޯ އާޒިމަށް ޝުކުރުގެ އަތްތިލަބަޑިއާއި ތަހާނީ ހައްގެވެ.