ޚަބަރު

ނަރުހުގެ މަރު: ވަކީލު އައްޔަންކުރަން މާވިންއަށް 10 ދުވަސް، ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ، ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށް ކުރާ ދައުވާގައި، ވަކީލަކު ހަމަޖައްސަން މާވިން އަށް 10 ދުވަސް ދިނުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރަން މީގެ އިރުކޮޅެއް ކުރިން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. މިއަދު ފުރަތަމަ ކުރިއަށް ގެންދިޔައީ މާވިންގެ މައްސަލައިގެ އަޑުއެހުމެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. މިއަދުގެ އަޑުއެހުމުގައި މާވިން ބުނީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. އެ ކަމާ ގުޅިގެން ދައުލަތުންވެސް ވަނީ އޭނާއަށް އެ ފުރުސަތު ދިނުމަށް އެދިފައެވެ.

އެހެންކަމުން ވަކީލަކު ހަމަޖައްސަން އޭނާއަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ނިންމެވިއެވެ.

އެ މައްސަލައިގައި މާވިން ބަންދު ކުރުމަށް ކުރި އަމުރުގެ މުއްދަތު މިއަދަށް ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ދައުލަތުން އެދުނެވެ. މާވިންގެ މައްޗަށް ކުރާ ދައުވާގައި ގިނަ ހެކިތަކެއް ހުރުމުންނާއި، ހެއްކަށް ނުފޫޒު ފޯރުވައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން އެދުނީ ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމަށެވެ.

މާވިން ބުނީ އެކަމާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ދޫނިދޫ ކަސްޓޯޑިއަލްގެ ބަދަލުގައި ޖަލަށް ބަދަލުކޮށްދިނުމަށް އޭނާ އެދުނެވެ. އެކަމާ ގުޅިގެން ހުސައިން ފާއިޒު ރަޝާދު ވަނީ މާވިންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްދީފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، މާވިންއަށް ވަކީލަކު ހަމަޖެހުމުން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.