ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.
ހައިޑްރޯގްރަފީ އަކީ ސައިންސްގެ އަލީގައި ކަނޑުފަޅާއި އައްސޭރިފަށުގެ މިންތައް ނަގައި އެތަކެތިން ޗާޓު ކުރަހެމާއި، އެތަންތަނަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާތާކުރުމުވެ.
ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި އިދާރާއަކީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެއް ކަމަށެވެ. އިއްޔެ އުފެއްދެވި އެ އިދާރާ ހިންގަމުންގެންދާނީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ކަމަށާއި ސަރުކާރުގެ އެހެން އިދާރާތަކުން އެ އިދާރާއަށް ފޮނުވާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި ބޭނުންކުރާނީ 487 ކަމުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއަށް ހަމަޖެއްސާފައިވާ މަސައްކަތްތަކަކީ:
1. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، އުޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
2. ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
3. ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
4. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން.
5. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.
6. ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
7. ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
8. ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
9. ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
ޚަބަރު
ޚަބަރު
ޚަބަރު