ރިޕޯޓް

އެއީ ޔުނިވަސިޓީގެ އެންމެ ގާތް ދެ އެކުވެރިން، އުފަންދުވަހުގެ ތަހުނިޔާއަށްފަހު ލިބުނީ މަރުގެ ހަބަރު

އަލީ ޔާމިން

1

ގއ. މާމެންދޫ، ފުރުކުމާގެ، އައިޝަތު އިފާޒާ (25 އަހަރު)ގެ މަރުގެ ހަބަރާއެކު މާމެންދުއަށް ވެރިވެފައިވަނީ ފުން ހިތާމައެކެވެ. އިފާޒާގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން ތިބީ ޝޮކެއްގައެވެ. އެތައް ބަޔަކު ތިބީ އެންމެންނާ ހީނސަމާސާކޮށް އުޅުނު އިފާޒާގެ ކުއްލި ވަކިވުން ގަބޫލު ނުކުރެވިފައެވެ.

އިފާޒާ މަރުވީ، ކިޑްނީ ފެއިލްވުމުގެ ސަބަބުން ހާލު ދެރަވެ، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުން އަންނަނިކޮށް އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ. އިފާޒާ މަރުވިއިރު، ކޮވިޑަށް ޕޮޒިޓިވްނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިފާޒާގެ މަރު، ކޮވިޑް މަރެއްގެ ގޮތުގައެއް ނުބަލައެވެ. އެއީ، އެހެން ބަލިތަކަކަށް އޭނާ ފަރުވާހޯދަމުން ދިއުމުންނެވެ.

އިފާޒާގެ މަރާއެކު، އެންމެ ފުން ހިތާމައެއް ލިބުނު އެކަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝަހާމާ ލަތީފެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން 2020 ވަނަ އަހަރު، އެކުވެރިކަން އުފެދުނު އިފާޒާ އާއި ޝަހާމާއަކީ، ވަރަށް ގާތް ދެ އެކުވެރީންނެވެ. އިފާޒާގެ މަރާއެކު ޝަހާމާގެ ހިތުގެ އުދާސްތައް އޭނާ ޝޯޝަލް މީޑިއާއަށް ބަންޑުންކޮށްލައި، ކޮށްފައިވާ އަސަރުގަދަ ޕޯސްޓުގައިވާ ގޮތުން، އިފާޒާ މަރުވި ހަބަރު އޭނާއަށް އެންމެ ފުރަތަމަ ލިބުނީ ނިދިފައި އޮއްވައި ދައްތަ ގޮވާފައި އެވާހަކަ ބުމުންނެވެ.

"ނިދިފައި އޮއްވައި ދައްތަ ގޮވާލައިފައި އިފާ ނިޔާވެއްޖޭ ބުނީމާ އަހަރެން ގަބޫލެއްނުކުރަމެވެ. ނިޔާވި ކަމުގެ ހަބަރު އޮތް މެސެޖު ދައްކައިލުމާއެކު އަހަރެންނަށް އަޑުން އަޑު ނަގައި ރޯންފެށުނެވެ. ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެހާ އަވަހަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއުކީއޭ ބުންޏަސް ގަބޫލުކުރަން ދަތިވިއެވެ.." ޝަހާމާ ބުންޏެވެ.

ޝަހާމާ، އިފާޒާ ސިފަކުރަނީ، ކޮންމެ ކަމެއްގައިވެސް އެންމެ ކައިރީގައި ހުންނަ މަދަދުގާރުގެ ގޮތުގައެވެ. ނޭނގޭ ފިލާވަޅުތައް އޮޅުން ފިލުވައިދޭ އެދުރެއްގެ ގޮތުގައެވެ. ގަޑިއަށް ކުލާހަށް ދާން ހަނދާންކޮށްދޭ ބެލެނިވެރިއެއްގެ ގޮތުގައެވެ. ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި އިފާޒާ ވަނީ، ޝަހާމާއަށް އޭނާގެ ދިރިއުޅުމުގެ އެތައް ކަމެއް ހިއްސާކޮށްފައެވެ. ހަމަ އެގޮތަށް ޝަހާމާވެސް އައީ އޭނާގެ ދިރިއުޅުމުގެ ކަންކަން އިފާޒާއާ ހިއްސާކުރަމުންނެވެ. ނަމަވެސް އެއިރުވެސް އިފާޒާ ބަލިކަމެއް ޝަހާމާއަކަށް ނޭނގެއެވެ.

ޝަހާމާ ބުނި ގޮތުގައި، އިފާޒާއަށް ކަމެއްވާކަން އެންމެ ފުރަތަމަ ރޭކާލާން ފެށީ، މިދިޔަ އަހަރުގެ ފުރަތަމަ ސެމިސްޓާ ފެށުނު ފަހުންނެވެ. ބަސްގިނަ، އިފާޒާގެ މޫނުމަތީން ޝަހާމާއަށް ފެންނަމުންދިޔައީ މޮޅިވެރިކަމުގެ ކުލަވަރެވެ. އަބަދުވެސް އިފާޒާ އިންނަނީ ދެރަވެފައެވެ. އިފާޒާގެ މޯޅިވެފައިވާ މޫނުން ޝަހާމާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދުމަށް ވެގެން އުޅޭގޮތް ކިޔައިދިނުމަށް އިފާޒާ ކައިރީ އެހުމުން ބުނީ ކުޑަކޮށް ބަލިވެ އުޅޭ ކަމަށެވެ.

"ބަލީގެ ވާނުވާ އަހަރެން ގާތުގައި އިފާ ބުނީ 2021 ވަނަ އަހަރު ޑިސެމްބަރު ހަތް ވަނަ ދުހަވުއެވެ. އެއީ ސެމިސްޓާގެ އިމްތިހާން ފެށި ދެވަނައަށް ވީ ދުވަހެވެ. ކިޑްނީ ފެއިލްވި ވާހަކަ އިފާ ބުނީ އަދި ރަނގަޅުވާނޭ ބުނެ ހިތްވަރާއެކުއެވެ. އިފާއަށް ހިތްވަރަކަށް ވުމަށް އަހަރެން އެދުވަހު އިފާ ކުރިމަތީ ހިތްވަރުގެ ބަސްތައް ބުންޏަސް އަހަރެންގެ އެކުވެރިޔާ ބޮޑު ބައްޔެއް ތަހައްމަލު ކުރާކަން އެނގޭތީ ހިތް ކުދިކުދިވިއެވެ. އެންމެ ގާތް އެކުވެރިޔާގެ ބަލި ހާލަތު އެނގުމުން ވީ ގޮތް ކިޔައިދެމުން ޝަހާމާ ބުނެފައިވެއެވެ.

ޝަހާމާ ބުނިގޮތުގައި، އެ ދުވަހަށްފަހު އިފާޒާއާ ދިމާނުވިޔަސް އަބަދުވެސް ހާލު ބަލައެވެ. އެގޮތަށް ހާލު އަހާ ކޮންމެ ފަހަރަކު އިފާޒާގެ ޖަވާބަކަށްވަނީ ހާލު ރަނގަޅުކަމަށެވެ. ދިރިހުރުމުގެ އުންމީދު ފަނޑުވަމުންދިޔަ ނަމަވެސް، އެންމެ ގާތްއެކުވެރިޔާއަށް އެކަމުގެ ހިތާމަ ލިބެން އިފާޒާއެއް ނޭދެއެވެ.

އިމްތިހާނުތައް ނިންމައިފައި، ޝަހާމާ ދިޔައީ ރަށަށެވެ. ރަށަށް ދަމުންވެސް އޭނާ ދިޔައީ، އެންމެ ގާތް އެކުވެރިޔާގެ ހާލު ބަލައި ހިތްހެޔޮކުރުމަށް އެދިފައެވެ. ރަށަށް ދިއުމަށްފަހުވެސް އިފާޒާގެ ހާލު ބެލުމަށް ޝަހާމާ ދިޔައީ ގުޅަމުންނެވެ.

ޝަހާމާ ބުނި ގޮތުގައި އިފާޒާ ހޮސްޕިޓަލުގައި އެނދުމަތިކުރުމުގެ ކުރިން، މިދިޔަ ހޯމަ ދުވަހުގެ 17:40 ހާއިރު، ވަރަށް ބޮޑަށް ވަރުބަލިވާ ވާހަކަ މެސެންޖާ މެދުވެރިކޮށް އޭނާ ކައިރީގައި ބުނެފައިވެއެވެ. އޭގެ ފަހުން އިފާޒާގެ ފަރާތުން ލިބުނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ފޮނުވި މެސެޖެކެވެ. އެއީ އިފާޒާގެ ފަރާތުން ޝަހާމާއަށް ލިބުނު އެންމެ ފަހު މެސެޖުވެސްމެއެވެ.

"ޖެނުވަރީ 18 ވަނަ ދުވަހު ހެނދުނު 7:08 ގައި އަހަރެންގެ އުފަން ދުވަހުގެ ތަހުނިޔާ އިފާ އަހަންނަށް ވައިބާ އިން ފޮނުވިއެވެ. "ތެންކިއު ލަވް" އޭ ބުނެ އަހަރެން ރިޕްލައި ކުރިއިރު އެއީ އިފާގެ ފަރާތުން އަހަންނަށް އަންނާނޭ އެންމެ ފަހު މެސެޖުކަމެއް އަހަރެންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ އުފަން ދުވަހު ދޫކޮށްފައި ތިދިޔައީ މި ލޯ ކަރުނައިން ތެންމާލާފައެވެ. މިހިތް ކުދިކުދި ވެއްޖެއެވެ." އެންމެ ގާތް އެކުވެރިޔާގެ ފަހު މެސެޖުގައިވާ ވާހަކަތައް ހިއްސާކުރަމުން ޝަހާމާ ބުންޏެވެ.

މަދު ދުވަސްކޮޅަކުން އެންމެ ގާތް އެކުވެރިޔާގެ ޖާގަ ހޯދި އިފާޒާ މިދުނިޔެއާ ވަކިވިޔަސް އޭނާގެ ހަނދާންތައް ވަނީ ޝަހާމާ ވަށާލައިފައެވެ. އެކުގައި ކާން ގޮސް އުޅުނު ރޭތަކާއި ކްލާހުގައި ޖަހާ ސަކަރާތާއި އެކުގައި ނެގި ސެލްފީތައް ޝަހާމާގެ ލޯކުރިމަތިން މިހާރުވެސް ސިފަވެއެވެ. ޝަހާމާގެ ދުއާއަކީ، އެންމެ ގާތްއެކުވެރިޔާއާ ސުވަރުގެއިން ބައްދަލުވުމެވެ.