ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކުރިމިނަލް ކޯޓްގައި ބުނެފިއެވެ.
ޔާމީން ރަޝީދު މަރާލުމުގެ ކުށް ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ. އެހެންވެ ކުރިމިނަލް ކޯޓުން މިރޭ ވަނީ ވާރިސުންގެ ބަސް ނަގައިފައެވެ.
އެގޮތުން ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ޝަރީއަތުގައި ބުނީ ދިރިހުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި އޭނާގެ ދަރިފުޅު ދެކޭތީ މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށެވެ. ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އޭނާ ބުންޏެވެ. ޝަފީގާ ބުނީ މަރުގެ ދިޔައިގެ ގޮތުގައި ލިބޭ ފައިސާއިން ޔާމީންގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކުއްޖެއް ޔާމީން އަކީ ދިރިހުރިއިރު. އިންސާނަކަށް ވީތީ ދިރިހުރުމަކީ އަސާސީ ހައްގެއް ދަރިފުޅު ދެކޭ ގޮތުގައި. އެ ހައްގު އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ވަނީ ނިގުޅައިގެންފައި. ވީމާ ގިސާސް ހިފާކަށް ބޭނުމެއް ނޫން. ދިޔަ ބޭނުމީ. އޭނާގެ ނަމުގައި ކޮންމެވެސް ކަމެއް އެއިން ކުރެވޭނެ ކަމަށް ދެކެން،" ޝަފީގާ ބުންޏެވެ.
ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި މިހާރު ނަގައިދެނީ އެއް މިލިއަން ރުފިޔާއެވެ.
ޔާމީންގެ ބައްޕަ ޝަރީއަތުގައި ބުނީ އޭނާ ބޭނުން ވަނީ ދަރިފުޅު މަރާލި މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަމަށެވެ. ކުށް ސާބިތުވި މީހުންނަށް މަރުގެ އަދަބު ލިބިގެން ނޫނީ ޔާމީނަށް އިންސާފު ލިބުނުކަމަށް ގަބޫލުނުކުރާނެ ކަމަށް ވެސް ޔާމީންގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ ޝަރީއަތުގެ މިހާ ހަމައަށް އައި އިރުވެސް ޔާމީންގެ ގާތިލުން އޭނާ އާއި އޭނާގެ އާއިލާގެ ކިބައިން މައާފަށް އެދިފައިނުވާ ކަމަށެވެ. އަދި ރާވައިގެން ޔާމީން މަރާލާފައިވާތީ އޭނާގެ ފަރާތުން މާފެއް ނުލިބޭނެ ކަމަށްވެސް ބުންޏެވެ.
"މިހާ ހިސާބަށް ޝަރީއަތް އައިއިރު ގާތިލުން އަޅުގަނޑުގެ ކިބައިންވެސް އަދި އާއިލާގެ ކިބައިންވެސް މާފަކަށް ނޭދޭ. މާފު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި ސިފައެއް. އެކަމަކު މީހަކު މަރަން ރާވައިގެން ގަސްތުގައި މަރާލީމަ މާފެއް ނުކުރެވޭނެ. އަޅުގަނޑުގެ ދެން ތިބި ދަރީން ބޭނުންވަނީ ގިސާސް ނުހިފަން. އެ ކުދީންނަށް ދޫކޮށްލީ،" ޔާމީންގެ ބައްޕަ ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ވާރިސުންގެ ސާފު ބަހެއް ބޭނުންވާތީ ވާރިސުންގެ ފަރާތުން ޔާމީންގެ ބައްޕަ ބޭނުންވާ ގޮތެއް ޝަރީއަތުގައި ހާމަ ކުރުމަށް އެދިވަޑައިގެންފައެވެ.
ގާޒީ އެހެން އެއްސެވުމުން ހުސައިން ރަޝީދު ބުނީ ބޭނުންވަނީ އަދުލްއިންސާފު ގާއިމު ކުރަން ކަމަށާއި ބޭނުންވަނީ މަރަން މަރު ހިފަން ކަމަށެވެ.
ޔާމީން ރަޝީދު މަރާލިކަމަށް ސާބިތުވާ ކުށްވެރިންނަށް އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޝަރީއަތް މިހާރު ވަނީ މެދުކަނޑާލައިފައެވެ. އަދި އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު މިރޭ ހުކުމް ކުރާނެއެވެ.
ޔާމީންގެ މަރާލި މައްސަލައިގެ ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުންވާނަމަ މަރުގެ ހުކުމް އަންނާނެއެވެ. ވާރިސުންގެ ތެރެއިން އެއްވެސް ވާރިސަކު ގިސޯސް ހިފަން ބޭނުންނުވާނަމަ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެއެވެ. އެއީ 25 އަހަރަށް ޖަލަށް ލުމެވެ. ޔާމީންގެ މަންމަ ގިސޯސް ހިފަން ބޭނުން ނުވުމުން ކުށް ސާބިތުވި މީހުންނަށް އަންނާނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.
އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
ހައިޝަމް އާއި ޒިހާންގެ އިތުރުން ދެން ހިމެނެނީ ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ހައިޝަމުގެ މައްޗަށް މައްސަލަ ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ.
ނަމަވެސް ހައިޝަމް އާއި ޒިހާންގެ އިތުރުން ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމިއެވެ.