ފުޓްބޯޅަ

ގްރީނަށް އަމިއްލަ ބާރު ގެއްލި ފުރުސަތު ހަނިވެއްޖެ، މިރޭ މެޗުގެ ކުރިން ވެލެންސިއާ ފައިނަލަށް

ޕްރެސިޑެންޓްސް ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވެ، ކްލަބު ގްރީން ސްޓްރީޓްސްއަށް ރ. އަލިފުށީގައި އޮންނަ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އީގަލްސްއިން ގްރީން ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. ގްރީން ސްޓްރީޓްސް މި މެޗުން ބަލިވުމުން މިރޭ އޮތް ޕްރެސިޑެންޓްސް ކަޕް ލީގު ބުރުގެ ފަހުގެ މެޗުގެ ކުރިން ވެލެންސިއާއަށް ވަނީ ފައިނަލުގެ ޖާގަ ޔަގީން ވެފައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް މިރޭ ވެލެންސިއާއިން ނުކުންނަ އިރު، ފައިނަލުގެ ދެވަނަ ޖާގައަކަށް މާޒިޔާއަށް މިރޭގެ މެޗު ވަރަށް މުހިއްމެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ތާވަލުގެ އެއް ވަނައިގައި މިވަގުތު ވެލެންސިއާ އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް 15 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ ދެވަނައިގައި އޮތީ ފައިދާ 11 ގޯލާ އެކުގައެވެ. ގްރީން ސްޓްރީޓްސްގެ އޮތީ ފައިދާ ނުވަ ގޯލެވެ.

ގްރީން ސްޓްރީޓްސްއަށް ފައިނަލުގެ ޖާގަ ލިބެން އޮތީ މިރޭ ވެލެންސިއާ އިން ތިން ގޯލުގެ ތަފާތުން މާޒިޔާ ބަލިކޮށްފިނަމައެވެ. މިހާރު އޮތްގޮތުން މިރޭ އެއްވަރުކޮށްލައިގެން ވެސް މާޒިޔާއަށް ފައިނަލުގެ ދެވަނަ ޖާގަ ޔަގީން ކުރެވޭނެއެވެ.

ފައިނަލުގެ އުންމީދުގައި މެޗަށް ނުކުތް ގްރީން ސްޓްރީޓްސްއަށް މެޗުގެ ކުރިން ދިމާވި އެންމެ ބޮޑު މައްސަލައަކީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ހަސަން ނަޒީމް ގާސިމް (ޗޯޓު) ސަސްޕެންޝަންގައި ހުރުމެވެ. ޗޯޓު ނެތްތަން ގްރީންގެ އެޓޭކުން ފެނުނު އިރު، އީގަލްސް އިން މެޗުގެ 18. ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އީގަލްސްއަށް ގޯލު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށް އުންމީދެއް ހޯދުމަށް ގްރީންއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 41 ވަނަ މިނެޓުގައެވެ. އަބްދުﷲ ޔާމީން (ޔާން) ނެގި ހުރަހެއް، އީގަލްސްގެ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލީ އަންސަރު އިބްރާހިމް (އަންކޮ)އެވެ. އެ ގޯލާއެކު އުންމީދު އާކޮށް ގްރީނުން ދެވަނަ ހާފަށް ނުކުތް ނަމަވެސް މެޗުގެ އޮއިވަރު ދިޔައީ އީގަލްސް ކޮޅަށެވެ.

ހާއްސަކޮށް އަނިޔާގެ ސަބަބުން ގްރީންގެ އިތުބާރު ޑިފެންޑަރު މުހައްމަދު ސާއިފް ބޭލުމާއެކު އީގަލްސްއިން ފަސޭހަކަމާއެކު އެޓޭކް ކުރަން ފެށިއެވެ. އެ ހަމަލާތަކުގައި އީގަލްސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 57 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ގްރީން ސްޓްރީޓްސްގެ އިބްރާހިމް ހަސީބު ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ކައުންޓާ އެޓޭކުގައި މެޗުގެ 66 ވަނަ މިނެޓުގައި ހަންނަ އީގަލްސްއަށް ލީޑުފުޅާކޮށްދިނެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ހަތަރުވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމަކަށް އަޅައިގެން ކުޅެމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ގްރީން މާޔޫސްކަމާއެކު މެޗުން ފައިބައިގެން ދިޔަ އިރު، އެޓީމަށް ދެން އިންތިޒާރު ކުރަން ޖެހޭނީ މިރޭ 9:00 ގައި ވެލެންސިއާއާއި މާޒިޔާ ވާދަކުރާ މެޗަށެވެ.