"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފެއްދެވި އެ އިދާރާ ހިންގާނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.
ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއަށް ލިޔާ ސިޓީއަށް ހާއްސަކޮށްފައިވާ ނަންބަރަކީ 487 އެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން ހިމެނެއެވެ. އޭގެ އިތުރުން ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން ވެސް ހިމެނެއެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ މަސައްކަތްތައް
- ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
- ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސާވޭތަކުގެ މައުލޫމާތު ހޯދައި މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
- ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
- ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން.
- ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.
- ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
- ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުމާއި ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
- ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފެއްދި އިރު، ސަރުކާރުން ވަނީ ރާއްޖޭގެ ޗާޓު ކުރެހުމަށް އިންޑިއާއާއެކު ހައިގްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ޗާޓު ވިއްކައިގެން އިންޑިއާއަށް ބޮޑު ފައިދާއެއްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން އެ ޗާޓުތައް އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 25 ޕަސެންޓުގެ ކަމިޝަނެއް ލިބޭ އިރު، އިންޑިއާ އިން އެ ޗާޓުތައް ބޭރު ފަރާތްތަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 ޕަސެންޓް އެކަންޏެވެ.