ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.
އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ހައިޝަމުގެ މައްޗަށް މައްސަލަ ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ.
ނަމަވެސް ހައިޝަމް އާއި ޒިހާންގެ އިތުރުން ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމިއެވެ.
ގާޒީ ވިދާޅުވީ ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް، ޔާމީނަށް ފާރަލިކަމުގެ ފޮޓޯގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ދައުލަތުން ހުށަހެޅިއެވެ. އަދި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުވެސް ހުށަހެޅިއެވެ.
ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ، އެ ހެކިތަކުން ގަސްތުގައި މީހަކު މަރައިލި ކަން އެމީހުންގެ މައްޗަށް ސާބިތު ކުރުމަށް ބަލާ ރުކުންތައް ހަމަނުވާތީއެވެ.
މި މައްސަލައިގައި ހައިޝަމާއި ޒިހާންގެ މައްޗަށް ހުކުމް ކުރާނީ، ޔާމީންގެ ހުރިހާ ވާރިސުންގެ ބަސް ހޯދުމަށްފަހުގައެވެ.
ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ، ކުށް ސާބިތުވި މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. އަދި އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފި ނަމަ އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ 25 އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު