ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި މަރުވި 25 އަހަރުގެ ޒުވާނާ މަރުވީ ކޮވިޑު ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.
ރޭ މަރުވީ ގއ. މާމެންދޫ، ފުރުކުމާގެ، އައިޝަތު އިފާޒާ 25އ. އެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އިފާޒާ މަރުވި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް، ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އޮފިސަރު ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ އޭނާ މަރުވީ ކޮވިޑު ބަލީގައި ނޫން ކަމަށެވެ. އެއީ އިތުރު ސިއްހީ މައްސަލައެއްވެސް ހުރި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިފާޒާ އަކީ މިދިޔަ ޑިސެމްބަރު މަހު ކިޑްނީ ފެއިލްވުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓު ހަދަން ރާއްޖެއިން ބޭރަށް ދާން ތައްޔާރުވެގެން ހުރި މީހެކެވެ. އޭނާ މަރުވީ އިއްޔެ ހަވީރު މާ ބޮޑަށް ވަރުބަލިވާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
އިފާޒާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ނޭވާ ހާސްވެ ނޭވާލާން އުނދަގޫވެ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އަދި ޕޮޒިޓިވްކަން އެނގުނު އިރު ނެވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
އެހެންކަމުން ރާއްޖެއިން މި ބަލީގައި މަރުވެފައިވަނީ 265 މީހުންނެވެ. އެއީ 247 ދިވެހީންނާއި 18 ބިދޭސީންނެވެ.
ޚަބަރު
ޚަބަރު